މީގެ އަށް އަހަރު ކުރިން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލާއި ކޮލަމްބިއާ ބައްދަލު ކުރި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ދަނޑު މައްޗަށް ވެއްޓުނީ ބުރަކަށީގައި އަތް އަޅައިގެން އޮވެއެވެ. އެއީ ބްރެޒިލްގެ ރައްޔިތުންނާއި ސަޕޯޓަރުންނަށް ހަމަހިމޭންކަން ލިބުނު ވަގުތުކޮޅެކެވެ. އޭގެ އިރުތަކެއް ފަހުން އެނގުނީ، އޭނާގެ ބުރަކަށީގެ ކަށިގަނޑެއް ބިންދައިގެން ގޮސް އޮޕަރޭޝަން ކުރަން ޖެހޭ ކަމެވެ.

މި އަނިޔާއާ އެކުގައި، ނޭމާ އަށް އެ ފަހަރުގެ ވޯލްޑް ކަޕް ނިމުނެވެ. އޭގެ ހަތަރު ފަހުން، 2018 ގެ ވޯލްޑް ކަޕާ ކުރިމަތި އިރު ނޭމާ ފިޓެއް ނޫނެވެ. އެ އަހަރުގެ ކުރީކޮޅު ފަޔަށް ލިބުނު އަނިޔާއިން ސަލާމަތްވެ، ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް، ފިޓްނަސް މައްސަލައާ ހެދި ނޭމާ އަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނެވެ.

ބްރެޒިލް ވޯލްޑް ކަޕްގައި މި ފަހުން އެންމެ ދުރަށް ދެވިފައި ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ ވޯލްޑް ކަޕްގައި ސެމީ ފައިނަލާ ހިސާބުން ކެޓީ ވަރަށް ހިތި ގޮތަށެވެ. ޖަރުމަނާ އެކީގައި އެފަހަރު ކުޅުނު މެޗު އެ ޓީމު ކާމިޔާބު ކުރީ 7-1 އިން ބްރެޒިލް ބަލިކޮށްގެންނެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލް ކުއާޓާ ފައިނަލްގައި ކަޓައިގެން ދިޔައީ 2-1 އިން ބެލްޖިއަމް އަތުންނެވެ.

ނޭމާ ބްރެޒިލްގެ ސަންޓޯސް އަށް ކުޅުނު އިރު. --- ފޮޓޯ: ގެޓީ އިމޭޖަސް

ނޭމާގެ އުމުރުން މިހާރު 30 އަހަރުވެފައިވާ އިރު، މިފަހަރަކީ އޭނާ އެންމެ ރަނގަޅު ފޯމެއްގައި ހުރި ފަހަރެވެ. އެހެންވެ، މިފަހަރަކީ ބްރެޒިލާއި ނޭމާގެ ފަހަރެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ސަންޓޯސްގައި 2009 ވަނަ އަހަރު ހުރިއިރު، އޭނާ ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމުގެ ސަބަބުން ނޭމާ ބްރެޒިލާއި ކްލަބު ލެވަލްގައި ވިދާލާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވުނެވެ. އަދި މިހާތަނަށް އައިއިރު، ނޭމާ އަށް ލިބިފައިވާ ކާމިޔާބީތަކަކީ ހުދު އޭނާ ވެސް ހިތްހަމަޖެހޭނެ ކާމިޔާބީތަކެކެވެ.

ނޭމާއަކީ ދުނިޔޭގެ ތާރީހުގައި އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ. ބާސެލޯނާ އަށް ކުޅެ ދިން 186 މެޗުގައި ނޭމާ ވަނީ 105 ގޯލް ޖަހައިފައެވެ. ޕީއެސްޖީ އަށް މިހާތަނަށް ކުޅެ ދިން 163 މެޗުގައި 115 ގޯލް ޖަހާފައިވެއެވެ. ނޭމާ ވަނީ ބްރެޒިލް އަށް މިހާތަނަށް 75 ގޯލް ޖަހައި ދީފައެވެ. ބްރެޒިލްގެ ތަރި ޕެލޭގެ ފަހަތުން ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބިފައި އޮތީ ނޭމާއަށެވެ.

ނޭމާ އަށް 2014 ވަނަ އަހަރު އަނިޔާވެގެން ދަނޑު މަތީގައި.

އެކަމަކު، ވޭތުވެދިޔަ ވޯލްޑް ކަޕްތަކުގައި ނޭމާ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެއެވެ. ހާއްސަކޮށް ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ނޭމާ އަށް ލިބުނު އަނިޔާ އާއި އެ މުބާރާތް އެ ޓީމަށް ކާމިޔާބު ނުކުރެވުމަކީ ނޭމާއަށާއި ޓީމަށް ވެސް ލިބުނު ބޮޑު ހިތްދަތި ކަމެކެވެ.

ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅޭތާ 12 އަހަރުވެފައިވާ އިރު، ބްރެޒިލް އަށް ހޯދައި ދެވުނު ހަމައެކަނި ކާމިޔާބީއަކީ 2013 ގެ ކޮންފަޑަރޭޝަން ކަޕާއި 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްގައި ބްރެޒިލް އަށް ގޯލްޑް މެޑަލް ކާމިޔާބުކޮށްދެވުމެވެ. މީގެ ހަތަރު އަހަރު ކުރިން، 2019 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ ބްރެޒިލް ކާމިޔާބު ކުރެވުނު ކަމުގައި ވިޔަސް، އަނިޔާގެ ސަބަބުން އެ މުބާރާތުގައި ނޭމާ ނުކުޅެއެވެ.

މި ހުރިހާ ސަބަބުތަކާ ހުރެ، ބްރެޒިލް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެފައި ހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ފްރާންސްގެ ޕީއެސްޖީ އަށް މިހާރު ކުޅޭ ނޭމާއެވެ.

"އަހަރެންނަށް ފެންނަނީ މިއީ އަހަރެންގެ ފަހު (ވޯލްޑް ކަޕް) ކަމަށް. އަހަރެންނަކަށް ނޭނގެ، ކުރިއަށް އޮތް ދުވަސްތަކުގައި މި ވަރުގަދަ ކަންމަތީ ފުޓްބޯޅަ ކުޅެވިދާނެ ކަމެއް،" ބައިނަލްއަގުވާމީ ޑޮކިއުމަންޓްރީއަކަށް މީގެކުރިން ދިން އިންޓަވިއުއެއްގައި ނޭމާ ބުނެފައިވެއެވެ.

ބްރެޒިލްގެ ތަރި ނޭމާ

"އަހަރެން މަސައްކަތް ކުރާނީ ހުރިހާ ކަމެއް ރަނގަޅަށް ގެންދިއުމަށް. ބޭނުން ވަނީ ހުރިހާ ކަމެއް ކޮށްގެން ވެސް ޓީމަށް ކާމިޔާބު ހޯދައި ދިނުން. އެއީ އަހަރެންގެ ކުޑަ އިރުގެ ހުވަފެނަކީ ވެސް. އަހަރެން އުންމީދު ކުރަނީ އެކަން އަހަރެންނަށް ކުރެވޭނެ ކަމަށް،"

މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާ އިރު، ފިޓްކޮށް ހުރި އެއް ކުޅުންތެރިޔަކީ ޕީއެސްޖީ އަށް ކުޅޭ ނޭމާއެވެ. މި ސީޒަންގައި ޕީއެސްޖީ އަށް ކުޅެދިން 20 މެޗުގައި އޭނާ 15 ގޯލް ޖަހާފައިވެއެވެ. އެގޮތުން ފްރާންސް ލީގުގައި އޭނާ ކުޅުނު 14 މެޗުގައި 11 ލަނޑު ޖެހި އިރު، ނުވަ އެސިސްޓް ހަދާފައިވެއެވެ.

މިއީ ނޭމާ ރަނގަޅު ފޯމެއްގައި ހުރިކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީ އާ ގުޅުނު ފަހުން މިދިޔަ ޖެނުއަރީ އާ ހަމައަށް އައިއިރު، ގާތްގަނޑަކަށް 100 މެޗު ގެއްލިފައިވެއެވެ. އެއީ އަނިޔާގެ ސަބަބުންނާއި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާ ޖެހުނު މައްސަލައެއްގައި ގުޅުން ގޯސްވެގެންނާ ވެސް އެކުގައެވެ. އޭރުގައި ޕީއެސްޖީ ދޫކޮށް ނޭމާ އެހެން ކުލަބަކަށް ދާން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރިފައިވެއެވެ. އެކަމަކު، ފަހުން އޭނާ ޓީމުގައި މަޑު ކުރީއެވެ.

ވޯލްޑް ކަޕާ ކުރިމަތިލާ އިރު، ނޭމާ ހުރީ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ރިކޯޑް މުގުރާލަން ކެތް މަދުވެފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ 77 ލަނޑު ޖަހާފައިވާ އިރު، ޕެލޭގެ ރިކޯޑު މުގުރާލަން ނޭމާ ބޭނުން ވަނީ އެންމެ ތިން ލަނޑެވެ. މިއީ ނޭމާ އަށް މި ވޯލްޑް ކަޕްގައި ފަސޭހަކަމާ އެކު ކުރެވިދާނެ ކަމެކެވެ.

ނޭމާ

މީގެކުރިން ދިން އިންޓަވިއުއެއްގައި ނޭމާ ވެސް ބުނި ގޮތުގައި ބޭނުން ވަނީ ޕެލޭގެ ރިކޯޑު މުގުރާލާށެވެ. އަދި އެކަން ކުރުމަށް އެހެން ކުޅުންތެރިންގެ އެހީ ހޯދާނެ ކަމަށް ވެސް ނޭމާ ބުނެފައިވެއެވެ.

"އަހަރެން ވާހަކަ ދައްކާނަން ޓީމުގެ ކުޅުންތެރިންނާއެކު. އަދި އަހަރެން ބުނާނަން އަހަރެންނަށް އެހީވުމަށް ގޯލް ޖެހުމަށް. އޭރުން އެ ހިސާބަށް ދެވެން އޮތީ ވެސް،" ނޭމާ ބުންޏެވެ.

ބްރެޒިލްގެ ސްކޮޑްގައި މި ފަހަރު ނޭމާ އާ އެކުގައި ނުވަ ފޯވާޑުން ވަނީ ހިމަނައިފައެވެ. މިއިން ވެސް އެނގިގެން ދަނީ ބްރެޒިލް ބިނާވެފައި އޮތީ ހަމައެކަނި ނޭމާ އަށް ނޫން ކަމެވެ.

"ބްރެޒިލް ބިނާފައި އޮތީ ހަމައެކަނި ނޭމާއަކަށް ނޫން. މި އަހަރު ހާއްސަކޮށް އެބަތިބި ވިނިޝިއަސް ޖޫނިއާ، ރޮޑްރީގޯ، ރިޗާލިސަން، ލުކަސް ޕަކުއެޓާ ފަދަ ކުޅުންތެރިން،" ބްރެޒިލް އަށް 2002 ވަނަ އަހަރުގެ ވޯލްޑް ކާމިޔާބުކޮށް ދިން ކެޕްޓަން ކަފާ މީގެކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ކަފޫ ބުނެފައި ވަނީ އެ ކުޅުންތެރިންނާ އެކުގައި މިފަހަރުގެ ވޯލްޑް ކަޕް ބްރެޒިލް އަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ބްރެޒިލް ޓީމު މިފަހަރު ވަރަށް ތަފާތު ކަމަށް ވެސް ކަފޫ ބުންޏެވެ.

ގަތަރުގައި ކުރިއަށް ވޯލްޑް ކަޕްގައި ބްރެޒިލް ފުރަތަމަ ނުކުންނާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ސާބިއާއާ ދެކޮޅަށެވެ.