ގަތަރުގައި މިދިޔަ އާދިއްތަ ދުވަހު ފެށި ފީފާ ވޯލްޑް ކަޕްގައި އެއް ފޭވަރިޓަކީ ބްރެޒިލްއެވެ. ވޯލްޑް ކަޕްގައި ވާދަކުރި އެއްވެސް ޓީމަކަށް މިހާތަނަށް އައިއިރު، ބްރެޒިލްއާ އެއްވަރަށް ވޯލްޑް ކަޕް ހޯދިފައި ނެތެވެ. އެކަމަކު، 2002 ވަނަ އަހަރުގެ ފަހުން ބްރެޒިލް އަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެ އަހަރު ބްރެޒިލް އިން ވޯލްޑް ކަޕްގެ ތަށި އުފުލާލާފައި ވަނީ ފައިނަލްގައި ޖަރުމަނު 2-0 އިން ބަލިކޮށްގެންނެވެ.

އޭގެ ފަހުން ތިން ސެމީ ފައިނަލެއްގައި ބްރެޒިލް ބަލިވި އިރު، އެންމެ ފަހުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކެޓީ ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން 2-1 އިން ބަލިވެގެންނެވެ.

ބްރެޒިލްގެ ކޯޗު ޓިޓޭ، އެ ޓީމާ މެދު ފޮނި އުންމީދުތަކެއް ކުރެއެވެ. އޭނާ އުންމީދު ކުރާ ގޮތުގައި އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ބްރެޒިލްގެ ކުޅުންތެރިން ތަފާތު މޮޅު ކުޅުމެއް ދައްކާނެއެވެ.

ސާބިއާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ކުރިމަތިލާ އިރު، ބައެއް ކުޅުންތެރިންނަށް ވަނީ ފިޓްނަސް މައްސަލަތަކާ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ސަސަ ލުކިޗް، ފިލިޕް ކޮސްޓިކް އަދި އެލެކްސެންޑާ މިޓްރޮވިޗް ހިމެނެއެވެ. އަނިޔާގެ ސަބަބުން އެ ކުޅުންތެރިން މެޗެއް ނުކުޅޭތާ މަހެއްހާ ދުވަސް ވެއްޖެއެވެ.

"އަހަރެން އުންމީދު ކުރަނީ އެ ކުޅުންތެރިން ތައްޔާރު ވާނެ ކަމަށް،" ޑްރޭގަން ސްޓޮކޮވިޗް ބުންޏެވެ.

"މެޗުގައި އަހަރެންނަކަށް ނޭނގެ ވާނެ ގޮތެއް. ހުރިހާ ކަމެއް ކޮށްފިން (މެޗަށް) ތައްޔާރުވުމުގެ ގޮތުން،"

ކޯޗު ބުނީ މޮޓިވޭޝަންގެ ގޮތުގައި ސައިކޮލޮޖިކަލީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި މިހާތަނަށް އައިއިރު، އެމީހުންގެ ފިޓްނަސް ރިސްކަކަށް ހުށަހެޅޭ ފަދަ ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ބްރެޒިލް އާއި ސާބިއާ އެންމެ ފަހުން ވޯލްޑް ކަޕްގައި ބައްދަލު ކުރީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖްގައެވެ. އެ މެޗު ބްރެޒިލް އިން ސާބިއާގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

ބްރެޒިލް - ނޭމާ

ބްރެޒިލްގެ ތަރި ނޭމާ

ނޭމާއަކީ ދުނިޔޭގެ ތާރީހުގައި އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ. ބާސެލޯނާ އަށް ކުޅެ ދިން 186 މެޗުގައި ނޭމާ ވަނީ 105 ގޯލް ޖަހައިފައެވެ. ޕީއެސްޖީ އަށް މިހާތަނަށް ކުޅެ ދިން 163 މެޗުގައި 115 ގޯލް ޖަހާފައިވެއެވެ. ނޭމާ ވަނީ ބްރެޒިލް އަށް މިހާތަނަށް 75 ގޯލް ޖަހައި ދީފައެވެ. ބްރެޒިލްގެ ތަރި ޕެލޭގެ ފަހަތުން ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބިފައި އޮތީ ނޭމާއަށެވެ.

މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާ އިރު، ފިޓްކޮށް ހުރި އެއް ކުޅުންތެރިޔަކީ ޕީއެސްޖީ އަށް ކުޅޭ ނޭމާއެވެ. މި ސީޒަންގައި ޕީއެސްޖީ އަށް ކުޅެދިން 20 މެޗުގައި އޭނާ 15 ގޯލް ޖަހާފައިވެއެވެ. އެގޮތުން ފްރާންސް ލީގުގައި އޭނާ ކުޅުނު 14 މެޗުގައި 11 ލަނޑު ޖެހި އިރު، ނުވަ އެސިސްޓް ހަދާފައިވެއެވެ.

މިއީ ނޭމާ ރަނގަޅު ފޯމެއްގައި ހުރިކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

ވޯލްޑް ކަޕާ ކުރިމަތިލާ އިރު، ނޭމާ ހުރީ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ރިކޯޑް މުގުރާލަން ކެތް މަދުވެފައެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ 77 ލަނޑު ޖަހާފައިވާ އިރު، ޕެލޭގެ ރިކޯޑު މުގުރާލަން ނޭމާ ބޭނުން ވަނީ އެންމެ ތިން ލަނޑެވެ. މިއީ ނޭމާ އަށް މި ވޯލްޑް ކަޕްގައި ފަސޭހަކަމާ އެކު ކުރެވިދާނެ ކަމެކެވެ.

ސާބިއާ - އަލެކްސެންޑާ މިޓްރޮވިޗް

މިޓްރޮވިޗް.

އިނގިރޭސި ޕްރިމިއާ ލިގުގެ ފުލަމް އަށް ކުޅެމުން އަންނަ އެލެކްސެންޑާ މިޓްރޮވިޗްއަކީ މި ސީޒަންގެ ލީގުގައި އެންމެ ބޮޑު ތަފާތެއް ދައްކަމުން އަންނަ ކުޅުންތެރިޔާއެވެ. ފުލަމް މެޗުތަކުން މޮޅުކޮށް ދިނުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ އެއް ކުޅުންތެރިޔަކީ ވެސް މިޓްރޮވިޗްއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިޓްރޮވިޗް ވަނީ އަށް މެޗުގައި އަށް ލަނޑު ޖަހައިފައެވެ. އަދި ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 12 މެޗުގައި މިހާތަނަށް އައިއިރު ނުވަ ގޯލް ޖަހާފައިވެއެވެ. މިޓްރޮވިޗް މިހާރު އޮތީ ޕްރިމިއާ ލީގުގެ ރަން ބޫޓަށް ވާދަ ކުރާ ލިސްޓްގެ ހަތަރު ވަނައިގައެވެ.

ބްރެޒިލް އާއި ސާބިއާ މިހާތަނަށް އައިއިރު، 1934 ގެ ފަހުން 17 ފަހަރެއްގެ މަތިން ކުޅުނު އިރު، ބްރެޒިލް މެޗަކުން ބަލިވެފައި ނެތެވެ. އެ ޓީމުން 1942 އިން ފެށިގެން 2000 އާ ހަމައަށް އިކުއެޑޯއާ އެކީގައި ކުޅުނު 20 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އަދި 1954 އިން ފެށިގެން 1963 ވަނަ އަހަރާ ދެމެދު ޕެރެގުއާއީ އާ ދެކޮޅަށް ބްރެޒިލް ކުޅުނު 18 މެޗުން ވެސް ބަލިވެފައި ނެތުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ބްރެޒިލް މިހާތަނަށް ކުޅުނު 15 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗަކުން ވެސް ބަލިވެފައެއް ނެތެވެ. ގްރޫޕް ސްޓޭޖްގައި އެ ޓީމު އެންމެ ފަހުން ބަލިވީ 1998 ވަނަ އަހަރު ނޯވޭ އަތުންނެވެ.

ދުނިޔޭގެ ގިނަ ބަޔަކު ސަޕޯޓު ކުރާ އެއް ޓީމު ކަމަށްވާ ބްރެޒިލްގައި މިވަގުތު އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިއަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ތަރި ނޭމާއެވެ. ވޯލްޑް ކަޕްގައި އެންމެ ފަހުން ބްރެޒިލް ޖެހި 19 ގޯލްގައި %42 ހިއްސާ އަދާކޮށްފައި ވަނީ ބްރެޒިލްގެ ވެސް ތަރި ނޭމާއެވެ. ނޭމާ އެކަނި ވެސް ވޯލްޑް ކަޕްގައި ހަ ގޯލް ޖެހި އިރު، ދެ އެސިސްޓް ވަނީ ހަދައިފައެވެ.

ސާބިއާ ވަނީ މީގެކުރިން ހަތަރު ވޯލްޑް ކަޕެއްގައި ކުޅެފައެވެ. ވޯލްޑް ކަޕްގައި 2006 ގެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން ސާބިއާ ވަނީ ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ ދެ މެޗުން މޮޅުވެފައެވެ. ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަލިވީ ޓީމަކަށް ވެފައި އޮތީ ވެސް ސާބިއާއެވެ.

ފީފާ ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް ވަނީ އެ މުބާރާތުގައި ކުޅުނު 109 މެޗުގެ ތެރެއިން 73 މެޗުން މޮޅުވެފައެވެ. ބްރެޒިލްގެ މޮޅުވުމުގެ ރޭޓް ވެސް ހުރީ %67 ގައެވެ.

ބްރެޒިލްއަކީ މިހާތަނަށް ހުރިހާ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ޓީމެވެ. ވޯލްޑް ކަޕް 1930 ގައި ފެށުނު ފަހުން މިހާތަނަށް އައިއިރު 21 ވޯލްޑް ކަޕެއްގައި ކުޅެފައިވެއެވެ. ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ ބްރެޒިލްގެ 22 ވަނަ ވޯލްޑް ކަޕެވެ.

ސާބިއާ އާއި ބްރެޒިލް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.