ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

މިއީ އިންގްލެންޑަށް ދެވަނަ ބުރު ކަށަވަރުކުރުމުގެ ފުރުސަތު އޮތް މެޗެކެވެ. ނަމަވެސް އެމެރިކާއިންވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ އިންގްލެންޑު ހިފަހައްޓާފައެވެ. މިއީ މި ދެޓީމު ވޯލްޑްކަޕެއްގައި ބައްދަލުކުރި ތިންވަނަ މެޗެވެ. މިތަނުން އެއްވެސް މެޗަކުން އިންގްލެންޑަށް އެމެރިކާ ބަލިކުރެވިފައެއް ނުވެއެވެ.

ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ކުރިއަށް ދިޔަ މި މެޗު ފެށިގެން ފަސް މިނެޓް ހިނގައިދިޔައިރު ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އެއްވެސް ޓީމަކަށް އެއްވެސް ކަހަލަ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 9 ވަނަ މިނެޓްގައި އިންގެލެންޑަށް ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ބުކާޔޯ ސަކާ ވާތްފަރާތު އަރިމަތިން ކުޅުންތެރިއެއްގެ ކައިރިން ނައްޓާފައި ނަގައިދިން ވަރަށް ރީތި ހުރަހަކުން ކެޕްޓަން ހެރީ ކޭން ފޮނުވާލި ބޯޅަ އެމެރިކާގެ ޑިފެންސުން ޒިމާމަން ވަނީ ބްލޮކްކޮށްފައެެވެ.

މެޗުގެ 13 ވަނަ މިނެޓްގައި އިންގްލެންޑުގެ ވާތު ވިންގަށް ކުޅޭ ސަކާ ވަނީ އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ސަކާ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ކޭންގެ ފަޔަށް ރަނގަޅަށް ނޭރުމުގެ ސަބަބުން މި ބޯޅައިގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މެޗުގައި އެމެރިކާގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ މެޗުގެ 18 ވަނަ މިނެޓްގައެވެ. މެކޭނީ ރައިޓްއަށް ދިން ބޯޅަ އޭނާގެ ބޮލުން ފޮނުވާލާފައި ވީނަމަވެސް މިހަމަލާ އޭނާއަށް މާ ރަނގަޅަށް ފޮނުވާލެވޭ ގޮތް ވަނީ ނުވެފައެެވެ.

މެޗުގެ ފުރަތަމަ ހާފްގެ މެދާއި ހަމައަށް ދިޔައިރު އެމެރިކާގެ ބާރު ސްޕީޑްގެ ކުޅުންތެރިން ބޭނުންކޮށްގެން އެ ޓީމުން ދިޔައީ ކައުންޓައެޓޭކް ކުރެވޭތޯ ވަރަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންގްލެންޑުގެ ޑިފެންސުން ވަނީ މިހުރިހާ އެޓޭކްތަކެއް ނާކާމިޔާބުކޮށްލާފައެވެ. އަދި އެމެރިކާގެ ކުޅުންތެރިންނަށް ބޯޅަ ލިބުމުން އެމީހުންގެ އަތުން އިންގެލެންޑުގެ ކުޅުންތެރިން ވަރަށް ވަރަށް އަވަހަށް ބޯޅަ އަތުލާކަންވެސް ފާހަގަކުރެވުނެވެ.

މެޗުގެ 25 ވަނަ މިނެޓްގައި އެމެރިކާއަށް ވަނީ ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެކެނީއަށް ވެއާ ނަގައިދިން ހުރަހަކުން ޕެނެލްޓީ އޭރިއާ ތެރެއިން ވަރަށް ބާރަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

މެޗުގެ 30 މިނެޓް ހިނގައިދިޔައިރު އެމެރިކާއިން ވަނީ އެމީހުންގެ ކުޅުން ވަރަށް ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 31 ވަނަ މިނެޓުގައި ޗެލްސީގެ ހުނަރުވެރި ފޯވާޑް ކްރިސްޓިއަން ޕުލިސިކް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ބޭރަށް ގޮސްފައެވެ. މިއީ މެޗުގެ މިހާތަނަށް ދެ ޓީމުން ކުރެ އެއްވެސް ޓީމެއް ގޯލެއް ޖެހުމާއި އެންމެ ކައިރިކުރި ފަހަރެވެ. އަދި މިއީ އެމެރިކާއިން އަމާޒަށް ސީދާކޮށް ފޮނުވާލި ދެވަނަ ހަމަލާއެވެ.

މެޗުގެ 43 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ އަނެއްކާވެސް ވަރަށް ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. އިންގްލެންޑުގެ އޭރިއާ ބޭރުން ނަގައިދިން ހުރަހަކުން ޕުލިސިކް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ދިޔައީ ބޭރަށެވެ. މިއީ އިންގްލެންޑުގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅެކެވެ.

މި މެޗުގެ ފުރަތަމަ ފަހަރަށް އެމެރިކާގެ ކީޕަރު ޓާނާ ޓެސްޓު ކޮށްލާފައިވަނީ މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގައެވެ. އިންގްލެންޑުގެ މައުންޓަށް ލިބުނު ބޯޅައެއް އޭނާ ވަނީ އޭރިއާގެ ބޭރުން ފޮނުވާލާފައެވެ. މިހަމަލާ ވަރަށް ހުޝިޔާރުކަމާއެކު ޓާނާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ފާހަގަކުރެވުނީ އިންގްލެންޑުން ބޯޅަ ހިފައިގެން ފަހަތަށް ޖެހޭއިރު އެމެރިކާއިން ކައުންޓަރ އެޓޭކަށް ތައްޔާރުވެފައި އޮންނަ ވަރެވެ. އަދި ވަރަށް ރަނގަޅަށް އެމީހުންގެ ޕްލޭނާއި އެއްގޮތަށް އެމީހުން ކުޅެމުންދިޔަ ކަމެވެ. މީގެ ސަބަބުން އިންގްލެންޑުގެ ޑިފެންޑަރުން ބޯޅަ ހިފައިގެން ކުރިއަށް އަރާއިރުވެސް އެމެރިކާގެ ކުޅުންތެރިން ފަހަތުގައި މަޑުކުރާކަން ފާހަގަކުރެވުނެވެ.

މެޗު ފެށުމުގެ ކުރިން ހީކުރެވުނު ގޮތާއި ހިލާފަށް ފުރަތަމަ ހާފްގެ މެދަކާއި ހިސާބުން ފެނިގެން ދިޔައީ އެމެރިކާއިން އެމީހުންގެ ކުޅުން ވަރަށް ވަރުގަދަ ކޮށްފައިވާތަނެވެ.

ފުރަތަމަ ހާފްގެ ފެށުމާއި އެއްގޮތަށް ދެވަނަ ހާފްވެސް ފަށާފައިވަނީ ދެ ޓީމުންވެސް ވަރަށް އެއްވަރު ކުޅުމަކާއި އެކުގައެވެ. އިންގްލެންޑުން ޕާސިންގް ގޭމެއް ކުޅެމުން ދިޔަ އިރު އެމެރިކާއިން ދިޔައީ އެމީހުންގެ ކައުންޓައެޓޭކް ގޭމް ކުޅެމުންނެވެ.

މި ހާފްގައިވެސް އެމެރިކާއިން ދިޔައީ އިންގްލެންޑުގެ ގޯލަށް ވަރަށް ނުރައްކާ ކުރަމުންނެވެ.

މެޗުގެ 60 މިނެޓާއި ހަމައަށް ދިޔައިރު އިންގްލެންޑުގެ ފަރާތުން ހާސްކަން ފެންނަމުންދިޔައެވެ. އެއީ އެމީހުންގެ ގޭމް އެމީހުންނަށް ރަނގަޅަށް ކުޅެވެމުންނުދާތީއެވެ. ނަމަވެސް އެމެރިކާގެ ފަރާތުން އެއްވެސް ވަރުބަލިކަމެއް ނުފެނި ދިޔައީ ވަރަށް ރަނގަޅަށް ކުޅެމުންނެވެ. އަދި ސަޕޯޓަރުންނަށް ބަލާއިރުވެސް އެމެރިކާގެ ސަޕޯޓަރުންގެ ފޯރި ދަނޑުގައި މާ ގަދައެވެ.

ދެވަނަ ހާފްގެ މެދުތެރެއިން އިންގްލެންޑުން ބަދަލުގައި ކުޅެން އެރި ކުޅުންތެރިންގެ ފަރާތުން އާ ހިތްވަރެއް ލިބި އިންގްލެންޑުންވަނީ އެމީހުންގެ ހަމަލާތައް ވަރުގަދަކޮށްފައެވެ. އަދި އެމެރިކާގެ ޕެނެލްޓީ އޭރިއާ ތެރެއަށް ގިނަ ހަމަލާތަކެއް ފޮނުވާފައެވެ.

ދެވަނަ ހާފް ގެ ނިމެނިކޮށް އިންގްލެންޑުން ވަީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި ދެ ޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ.

މި މެޗުގައި އިންގްލެންޑުން ވަނީ އެމެރިކާގެ ގޯލަށް 4 ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން 3 ހަމަލާ ވަނީ އަމާޒަށް ސީދާވެފައެވެ. އަދި އެމެރިކާއިން 5 ހަމަލާ ފޮނުވާލާފައި ވާއިރު އަމާޒަށް ސީދާވެފައިވަނީ 1 ހަމަލާއެވެ. މެޗުގައި އިންގްލެންޑަށް 3 ކޯނަރު ލިބިފައިވާއިރު އެމެރިކާއަށް 7 ކޯނަރު ވަނީ ލިބިފައެވެ.

މިމެޗުން އެއްވަރުވުމުން އިންގްލެންޑު އަދިވެސް އޮތީ 4 ޕޮއިންޓާއެކު ގްރޫޕް ބީ ގެ އެއްވަނައިގައެވެ. ތިން ޕޮއިންޓާއެކު އިރާން ދެވަނައިގައި އޮތް އިރު އެމެރިކާ އޮތީ ދެ ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ. އަދި ވޭލްސް އޮތީ އެއް ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ދެވަނަ ބުރަށް ދާނެ ދެ ޓީމު އެނގިގެންދާނީ ކުރިއަށް އޮތް ދެމެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑު ދެން ބައްދަލުކުރާނީ ވޭލްސްއާއެވެ. އަދި އެމެރިކާ ބައްދަލުކުރާނީ އިރާނާއެވެ. މި ދެ މެޗުވެސް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރުއެވެ.