މިހާރު އޮތް އާޖެންޓީނާ ޓީމު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގައި މެކްސިކޯއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިއްޔާ އަތުން ބަލިވުމުން އާޖެންޓީނާ އަަށް ވަނީ ބޮޑު ޕްރެޝަރަަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. ސައުދީން 1-2 ގެ ނަތީޖާއިން އާޖެންޓީނާ ބަލިކުރުމާ ގުޅިގެން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގަދަ 16 އަށް ދާން ބޭނުންނަމަ އެ ޓީމަށް ޖެހޭނީ މެކްސިކޯ ބަލިކުރާށެވެ.

ސްކަލޯނީ ބުނީ، ޓީމު ބަލިވުމުން ދެން ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ ތެދުވެ ކުރިއަށްދިއުން ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ ޓީމުގައި އެ ފެންވަރު އެބަހުރި ކަމަށާއި، އެކަމާ އެއްވެސް ސުވާލެއްވެސް ނެތް ކަމަށެވެ. މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށާއި، އާޖެންޓީނާއިން އެކަމާ ވަރަށް ފުންކޮށް ވިސްނާ ކަމަށް އޭނާ ބުންޏެވެ. ސްކަލޯނީ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައިވެސް ކަންތައް ދިމާވެފައި އޮތް ގޮތުން އާޖެންޓީނާ އިން އެމީހުންގެ ކުޅުނު ވައްޓަފާޅި ބަދަލު ނުކުރާނެ ކަމަށެވެ.

"މި ޓީމު މި މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. ޓީމުގެ ކުޅުން ހުންނާނީ ދާދި އެއް ގޮތަކަށް. އަހަރުމެންގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނުގެންނާނަން. އެއީ އަންގާރަ ދުވަހުގެ މެޗުގަވެސް ކަންތައް ވީގޮތުން. މި މެޗަކީ ޕްރެޝަރު މެޗަކަށްވީ ނަމަވެސް މި ޓީމު އޮތީ ވަރަށް ރަނގަޅަށް މެންޓަލީ ގޮތުން ވެސް ތައްޔާރުވެފައި،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗަކީ ޓީމަށް ބޮޑު ޗެލެންޖެއް ކަމަށާއި އެޓީމު ވެސް މީގެ ކުރިން ކުޅުނު މެޗުގައި އެންމެ ޕޮއިންޓެއް ލިބިފައިވާތީ މި މެޗުން މޮޅުވާން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން މެޗުގައި އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕާފޯމެންސެއް ފެނިގެންދިއުމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ލައްވާލީ ގުރޫޕް ސީގައެވެ. މި ގުރޫޕްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯއެވެ. މި ގުރޫޕްގައި މިހާތަނަށް ކުޅުނު މެޗުތަކުން އެއްވަނައިގައި އޮތީ ސައުދީއެވެ.

މުބާރާތުގައި އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.