ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނަލްޑޯގެ "ސިއޫ" ސެލެބްރޭޝަން ހެދީ ރޮނަލްޑޯއަކީ އޭނާގެ އައިޑޮލް ވީމާ ކަމަށް ގާނާ ޓީމުގެ ދެ ވަނަ ގޯލު ޖެހި އޮސްމާން ބުކާރީ ބުނެފިއެވެ.

ރޮނަލްޑޯގެ "ސިއޫ" ސެލެބްރޭޝަން އަކީ އޭނާ ފުޓުބޯޅައިގެ ކެރިއަރުގައި ބޭނުންކުރަމުން އަންނަ ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން ހަދާ ސެލެބްރޭޝަނެކެވެ. މި ސެލެބްރޭޝަން އަކީ މުޅި ދުނިޔެއަށް މަޝްހޫރު ސެލެބްރޭޝަނަކަށް ވާއިރު، އެކި ގައުމުތަކުގެ ކުޅުންތެރިން އަންނަނީ އެކަން ނަކަލު ކުރަމުންނެވެ.

ޕޯޗުގަލްއާ ގާނާ ބައްދަލު ކުރި މެޗުގައި 3-1 ގައި ނަތީޖާ އޮއްވާ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ގާނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ބުކާރީއެވެ. އެ ގޯލު ޖެހުމަށްފަހު ރޮނާލްޑޯގެ "ސިއޫ" ސެލެބްރޭޝަން ދައްކާލިއިރު، އެ މަންޒަރު ބަލަން ރޮނާލްޑޯ ހުރީ ޕޯޗުގަލްގެ ބެންޗުގައެވެ. މިކަމާ ގުޅިގެން ރޮނަލްޑޯގެ ގިނަ ސަޕޯޓަރުން ވަނީ ބުކާރީ އެ ސެލެބްރޭޝަން ހެދީ ރޮނާލްޑޯއަށް އިހުތިރާމު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެފައެވެ. ނަމަވެސް ބުކާރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިވާހަކަތައް ވަނީ ދޮގު ކޮށްފައެވެ.

"އެ ސެލެބްރޭޝަން ހެދީ އެއްވެސް ހާލެއްގައި ރޮނާލްޑޯއަށް އިހުތިރާމް ނުކުރާތީކީ ނޫން. ރޮނާލްޑޯ އަކީ އަހަރެން ވަރަށް ކުރީއްސުރެ ސަޕޯޓް ކުރާ ކުޅުންތެރިއެއް. އޭނާ އަކީ އަހަރެންގެ އެއް އައިޑޮލް. އަހަރެންނަކީ އެފަދަ ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑުންނަށް އިހުތިރާމު ކުޑަކުރާނެ ކުޅުންތެރިއެއް ނޫން،" ބުކާރީ ބުންޏެވެ.

ބުކާރީ ބުނީ އެއީ ގައުމަށް ގޯލެއް ކާމިޔާބުކުރެވުމުން އަދި އޭނާގެ ވޯލްޑް ކަޕްގެ ފުރަތަމަ ގޯލު ކަމަށްވުމުން، ޖަޒުބާތުގައި ޖެހިގެން ކުރެވުނު ކަމެއް ކަމަށެވެ.

ޕޯޗުގަލްއާއި ގާނާ ބައްދަލުކުރި މެޗުގައި މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ، ރޮނަލްޑޯ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން އެޓީމުން ލީޑު ނެގިއެވެ. މި ގޯލާއެކު ރޮނަލްޑޯ ވަނީ ޖެހިޖެހިގެން ފަސް ވޯލްޑް ކަޕްގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. ގާނާ އިން މެޗުގެ 73 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. މިއީ ޕޯޗުގަލްގެ ޑަނިލޯ ޕެރެއިރާ ހެދި ގޯހެއްގެ ފައިދާ ނަގާ ގާނާގެ އަންޑްރޫ އަޔޫ ޖެހި ގޯލެކެވެ. މި ގޯލާއެކު އަޔޫ ވަނީ ގާނާ ޓީމަށް 24 ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ކައިރިކައިރީގައި ޖޮއާއޯ ފީލިކްސް އާއި ރަފައެލް ލީއޯ ޖެހި ގޯލުތަކާއެކު ޕޯޗުގަލަށް ދެ ގޯލުގެ ލީޑެއް ލިބުނެވެ. ގާނާގެ ދެވަނަ ގޯލު ކާމިޔާބުކޮށް ބުކާރީ އުންމީދެއް ހޯދަ ދިން ނަމަވެސް ޕޯޗުގަލް އިން މެޗު ނިންމާލީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެންނެވެ.

ޕޯޗުގަލްގެ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ އުރުގުއާއީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދަމު 12:00 ގައެވެ. "ގްރޫޕު އެޗް" ގައި ޕޯޗުގަލާއި ގާނާ އަދި އުރުގުއާއީގެ އިތުރުން ދެން ހިމެނެނީ ދެކުނު ކޮރެއާއެވެ.

މިއީ އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބޭރުގެ ރިޕޯޓްތަކުން އަންނަނީ ބުނަމުންނެވެ، ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. ޕޯޗުގަލް އަކީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ.