ގަތަރުގައި މިރޭ އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފްރާންސްގެ ތަރި އޮލިވިއޭ ޖިރޫ އަށް ކުޅެވިދާނެ ކަމާ މެދުގައި ސުވާލު އުފެދިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޖިރޫ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ. ޖިރޫ އަށް ދިމާވެފައި ވަނީ ފިޓްނަސް މައްސަލައެއް ކަމަށްވެއެވެ. ޖިރޫގެ އިތުރުން ފްރާންސްގެ އިތުބާރު ޑިފެންޑަރު ރަފައޭލް ވަރާން އަށް ވެސް ވަރުގަދަ ވައިރަސްއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންވެ، ވަރާން އަކަށް ވެސް ފަރިތަކުރުންތަކުގައި ބައިވެރިވެވިފައެއް ނުވެއެވެ.

ފްރާންސްގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ މެދުގައި ވަރުގަދަ ރޯގާއަކާއި ހުމެއް ވަނީ ފެތުރެން ފަށައިފައެވެ. ޑިފެންޑަރު ޑަޔޮޓް އަޕަމަކާނޯ އަދި މިޑްފީލްޑަރ އެޑްރިއެން ރަބިއޯ އަށް ހުމުގެ ސަބަބުން ސެމީ ފައިނަލް މެޗުގައި ކުޅެވޭ ގޮތް ނުވެފައެވެ. އަދި ބަދަލު ކުޅުންތެރިއެއް ކަމަށްވާ ކިންގްސްލީ ކޯމަންވެސް ވަނީ ބަލިވެފައެވެ.

އެކަމަކު، ރިޕޯޓުތައް ބުނާ ގޮތުގައި އަޕަމަކާނޯ ވަނީ ބަލިން ރަނގަޅުވެ އިއްޔެ އޮތް ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ފްރާންސްގެ ކުރީގައި މުހިންމު ދައުރެއް އަދާ ކުރާ ޖިރޫ ވަނީ މި ވޯލްޑް ކަޕްގައި ހަތަރު ލަނޑު ޖަހައިފައެވެ. ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު 53 އަށް އަރާއިރު، ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރިކޯޑް ވެސް މިހާރު އޮތީ ޖިރޫ އަތުގައެވެ.

ފުރާންސްގެ ޓީމުގެ ހާލަތާއި ބެހޭ ގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ފުރާންސްގެ ޤައުމީ ޓީމުގެ ކޯޗު ޑިޑިއަރ ޑިޝޯމްޕްސް ބުނެފައިވަނީ، ފުރާންސްގެ ސްކޮޑުގައި ހުމާއި ރޯގާ ގެ ކޭސްތަކެއް އެބަ އުޅޭކަމަށާއި، ނަމަވެސް ހުރިހާ ސުކޮޑުގެ ބައިވެރިން ވެސް ވަރަށް ފަރުވާތެރި ކަމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޑިޝޯމްޕްސް އިތުރަށް ބުނެފައިވަނީ ވަރުގަދަ މެޗުތައް ކުޅުމުގެ ސަބަބުން ކުޅުންތެރިންގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ރޯގާ ފަދަ ބަލި ޖެހުމުން ހާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ.