ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ލިސްޓުގައި ކުރިއަރަމުން އަންނަ 14 އަހަރުގެ ފެތުންތެރިޔާ މެރާލް އައިން ލަތީފް ހިމަނައިފިއެވެ.

އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

މި ލިސްޓުގައި މެރާލް ހިމެނިކެން އިއުލާން ކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ހޯދަމުންއައި ކުރިއެރުން އިތުރުކޮށް، ރާއްޖެއަށް ރީތި ވަނައެއް ހޯދައިދިނުމަށް ފަށާ ދަތުރަށް މެރާލަށް ކާމިޔާބަށް އެދޭ ކަމަށެވެ.

މި ފަހަކަށް އައިސް ފެތުމުގައި ވިދަމުން އަންނަ މެރާލް ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި ޗެމްޕިއަން އޮފް ޗެމްޕިއަންސް 2023 ގެ ފެތުމުގެ މުބާރާތުގެ އެންމެ މޮޅު ފެތުންތެރިޔާއަށް ދޭ ފެންމުތުގެ ޝަރަފު ހޯދާފައެވެ. އަދި މިދިޔަ އަހަރު ތުރުކީގެ ކޮންޔާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މެރާލް ވަނީ ރާއްޖޭގެ ގިނަ ދުވަސްވީ 100 މީޓަރު ބަޓަފްލައި ފެތުމުގެ ރިކޯޑުވެސް މުގުރާލާފައެވެ.

އަރުތަ ޕްރޮގުރާމުގައި ކުރިއަރަމުން އަންނަ ފެތުންތެރިޔާ މެރާލް ހިމެނިއިރު، މީގެ ކުރިން ވަނީ މި ލިސްޓުގައި ޒުވާން ފެތުންތެރިޔާ އީން އައްބާސް ޝަރީފުވެސް ހިމަނާފައެވެ.

އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލަ

    މަހުލޫފް ހުރެގެން މީނަގެ ގާތް މީހުނާ އަމިއްލަ ދަރި ކުރި އަރުވަން މަސައްކަތް ކުރަނީ. މުޅި ރާއްޖޭގަ ތިބީ މުއްސަނދިންގެ ދަރިން އެކަންޏެއް ނޫން. މަހުލޫފް މީ ސަރުކާރު ތަކުގެ ހަލާކު

  2. ޅޮސްބެ

    މަހުލޫފް ހުރެގެން މީނަގެ ގާތް މީހުނާ އަމިއްލަ ދަރި ކުރި އަރުވަން މަސައްކަތް ކުރަނީ. މުޅި ރާއްޖޭގަ ތިބީ މުއްސަނދިންގެ ދަރިން އެކަންޏެއް ނޫން. މަހުލޫފް މީ ސަރުކާރު ތަކުގެ ހަލާކު

  3. ޢެންޖެލީނާ

    ތި އެހީވެސް ލިބެނީ މަހުޖަނުންގެ ދަރިންނަށްތަ