ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑުން 1-4 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށް، ކުއާޓާ ފައިނަލާއި ގާތަށް ޖެހިއްޖެއެވެ.

މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ތިން ލަނޑު ޖެހީ ފަހުހާފުގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހަ ވަނަ މިނެޓުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑެވެ. އެކަމަކު، މެޗުގެ 32 ވަނަ މިނިޓްގައި ބެޓިސް އަށް ކުޅޭ އަޔޯޒީ ޕެރޭޒް ވަނީ އެ ޓީމަށް ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ބެޓިސް އަށް ލީޑުނަގައިދޭން އަޔޯޒީ ޕެރޭޒަށް ލިބުނު ފުރުސަތުގައި ކުރި އެޓޭކުގައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޔުނައިޓެޑަށް މެޗުގެ 52 ވަނަ މިނިޓްގައި އެންޓޮނީ ޔުނައިޓެޑަށް ލީޑުނަގައިދިނީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުންނެވެ. އަދި ބުރޫނޯ ފެނާންޑޭޒް އާއި ވެގްހޯސްޓް ނަތީޖާ ފުޅާކޮށްދިނެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޕްރެމިއާ ލީގުގައި ލިވަޕޫލް އަތުން 7-0އިން ބަލިވުމުން މި މެޗަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށެވެ. އަދި އެކަމުގެ ހޮޔެ އަސަރު މެޗުން ފެނިގެންދިޔަ ކަމަށާއި ކުޅުން ވަރަށް ފުރިހަމަ ކަމަށެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފްރައިބާގްގެ މައްޗަށް ޔުވެންޓަސް އިން 1-0 އިން ކުރިހޯދިއިރު، ރަށުންބޭރުގައި ސްޕޯޓިން ލިޒްބަންއާ ކުޅެގެން އާސެނަލް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ހޯސޭ މޮރީނިއޯގެ ރޯމާ އިން ވަނީ 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފަ އެވެ. ސެވިއްޔާ އިން 2-0 އިން ފެނަބާޗޭ ކައިރިން ކުރިހޯދިއިރު، ޝަހުތަރު ޑޮނެސްކާއި ފެޔަނޫޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.