އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ފުލުގައި އޮތް ބޯންމައުތު އަތުން ލިވަޕޫލް ބަލިވެއްޖެއެވެ.

ބޯންމައުތު ދަނޑުގައި ކުޅުނު މި މެޗު އެ ކުލަބުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން 7-0 އިން ލިވަޕޫލް ހޯދި މޮޅާ އެކު، ގިނަ ބަޔަކު ހީކޮށްގެން ތިބީ މިއަދުގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނާނެ ކަމުގައެވެ. އެކަމަކު، ލިވަޕޫލަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު، ތާވަލްގެ 20 ވަނައިގައި އޮތް ބޯންމައުތު ވަނީ 16 ވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް ކުޅުނު 26 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. އަނެއްކޮޅުން، ލިވަޕޫލުން ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރު ގޮންޖެހުމަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ލިވަޕޫލަށް ކުޅުނު 26 މެޗުން ލިބުނު 42 ޕޮއިންޓާ އެކު އެ ޓީމު އޮތީ ތާވަލްގެ ފަސް ވަނައިގައެވެ. ތިން ޕޮއިންޓްގެ ތަފާތުން ތާވަލްގެ ހަތަރު ވަނައިގައި 45 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ. މިރޭ ޓޮޓެންހަމް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލު ކުރާ މެޗުން މޮޅުވެގެން ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއް ޕޮއިންޓާ ގާތް ކުރުމުގެ ފުރުސަތު އެބައޮތެވެ. ޔުނައިޓެޑަށް ލިބިފައި ވަނީ 49 ޕޮއިންޓެވެ.

ލިވަޕޫލާއި ބޯންމައުތު ބައްދަލު ކުރި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ނުރައްކާތެރި ހަމަލާތައް އުފައްދާފައި ވަނީ ލިވަޕޫލުންނެވެ. އަދި ދޭތެރެ ދޭތެރެއިން ބޯންމައުތުން ވެސް ލިވަޕޫލް ގޯލަށް ނުރައްކާ ކުރިއެވެ.

ބޯންމައުތުގެ ބްލިންގް ގޯލް ޖަހަނީ.

މެޗުގެ ފަސް ވަނަ މިނެޓުގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ޕެނަލްޓީ އޭރިއާ ކައިރިން މެދަކާ ހިސާބުގައި ހުރެފައި މަޑުމަޑުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ނެޓޯ އަތަށެވެ. އޭގެ އެއް މިނެޓު ފަހުން ލިވަޕޫލަށް ލިބުނު ކޯނަރެއްގައި އެލެކްސެންޑާ އާނޯލްޑް ނަގައި ދިން ބޯޅައެއްގައި އެ ޓީމުގެ ޑިފެންޑަރު ވެން ޑައިކް ބޮލުން ޖެހި ނަމަވެސް ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

ބޯންމައުތަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިފައި ވަނީ މެޗުގެ 10 ވަނަ މިނެޓުގައި އޮޓާރާއަށެވެ. އޭނާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ކީޕަރު އެލިސަން ބެކާ ކައިރިން ނައްޓާލުމަށް ފަހު، ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގައި ބޯންމައުތުގެ ހަމައެކަނި ލަނޑު ޖަހައި ދިނީ ފިލިޕް ބިލިންގްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ބިލިންގް ގޯލް ކާމިޔާބުކޮށްދިނީ އަރިމަތިން އޮޓާރާ ނެގި ހުރަހެއް ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

ލިވަޕޫލަށް މެޗުގެ 67 ވަނަ މިނެޓުގައި ޕެނަލްޓީއެއް ދިނީ ޕެނަލްޓީ އޭރިއާ ތެރެއިން ބޯންމައުތުގެ ޑިފެންޑަރު އެޑަމް ސްމިތު އަތުގައި ބޯޅައިން ޖެހިގެންނެވެ. މި ޕެނަލްޓީ ސަލާހް ޖެހި ނަމަވެސް ދިޔައީ ބޭރަށެވެ.

ޕްރިމިއާ ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރާ މެޗާއި ޗެލްސީ އާއި ލެސްޓާ ސިޓީ ބައްދަލު ކުރާ މެޗު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު