އިންޑިއާގެ ޓްރެވިންޑްރަމްގައި ފެށި އިންޑިއަން ގްރޯން ޕްރީ މުބާރާތުން ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ދެ ރަން މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރުގެ ރޭހުގައި އާއި 200 މީޓަރުގެ ރޭހުގައެވެ.

ސާއިދު 100 މީޓަރުގެ ރޭހުގެ ރަން މެޑަލް ހޯދީ 10.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ނިންމި އިންޑިއާގެ އޮޑިޝާގެ އާމިޔާ ކުމާ ރޭސް ނިންމީ 10.69 ސިކުންތުންނެވެ. ތިންވަނައަށް ދިޔަ އިންޑިއާގެ އަމިތު ތިވާރީ ރޭސް ނިންމީ 10.90 ސިކުންތުންނެވެ.

ސާއިދު 200 މީޓަރު ރޭހުގައިވެސް ވާދަކޮށްފައިވާ އިރު، އެ ރޭސް ސާއިދު ނިންމީ 21.68 ސިކުންތުންނެވެ. ދެވަނައަށް ދިޔަ އިންޑިއާ ދިއްލީގެ ޖައިނަބާލް ރޭސް ނިންމީ 22.73 ސިކުންތުންނެވެ. ދެން ރޭހުގައި ވާދަކުރީ ތިން ދުވުންތެރިން ވަނީ ސްޓާޓިންގައި ޑިސްކޮލިފައިވެފައެވެ.

އިންޑިއަން ގްރޯން ޕްރީ މުބާރާތުގައި ދުވުންތެރިޔާ އާމިނަތު ޖާއިޝާ ޖުނީޒް ވަނީ ބްރޯންޒު މެޑަލް ހޯދައިފައެވެ. ޖާއިޝާ ތިން ވަނަ ހޯދީ އަންހެނުންގެ 800 މީޓަރު ރޭސް ދެ މިނެޓް 29.33 ސިކުންތުން ނިންމައިގެންނެވެ. އެއް ވަނަ ހޯދި ނިއު ދިއްލީގެ ޗަންދާ ދެ މިނެޓް 9.18 ސިކުންތުން ރޭސް ނިންމި އިރު، ދެ ވަނަ ހޯދި ދީކްޝާ ރޭސް ނިންމީ ދެ މިނެޓް 12.06 ސިކުންތުންނެވެ.

ސާއިދާއި ޖާއިޝާއަކީ ހުކުރު ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، އެތުލެޓިކްސް އިން ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެތުލީޓުގެ މަގާމް ހޯދި ދެ ދުވުންތެރިންނެވެ.

ފިރިހެނުންގެ 800 މީޓަރު ދުވުމުގައި ރާއްޖޭގެ ހުސެއިން ރިޒާ (ކުޑަރިޒާ) ވަނީ ވާދަކޮށްފައެވެ. ކުޑަރިޒާ ރޭސް ނިންމާފައި ވަނީ އެއް މިނެޓު 53.51 ސިކުންތުންނެވެ.

10 އެތުލީޓަކާއި ތިން ކޯޗަކު ތަމްރީނަށް އިންޑިއާ އަށް ފުރަނީ

އިންޑިއާގައި ހަ މަސް ދުވަހުގެ ތަމްރީން ހެދުމަށް ރާއްޖޭގެ 10 އެތުލީޓަކާއި ތިން ކޯޗުން އެ ގައުމަށް ފުރާފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

މިއީ 2017 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސްޕޯޓްސް އޮތޯރިޓީގެ ފެސިލިޓީތަކުގައި ހިންގޭ ފަސް ވަނަ ޓްރެއިނިން ކޭމްޕެވެ. އެންމެ ފަހުން މިފަދަ ކޭމްޕެއް ހިންގިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ދިވެހި ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސްއުތް އޭޝިއަން ގޭމްސްގައި ގަދަ ތިނެއްގައި ވަނަތައް ހޯދައިފައެވެ.