އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑާއި އާސެނަލް ކުޅުނު މެޗު އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް ޕްރެޝަރު ބޮޑު ވެއްޖެއެވެ.

މިރޭ ކުޅުނު މި މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން އެންމެ ފުރަތަމަ ގޯލެއް ޖަހައި ލީޑު ނަގާފައިވަނީ އާސެނަލްއިންނެވެ. އާސެނަލްއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ، މެޗުގެ 7 ވަނަ މިނެޓުގައި ބެން ވައިޓް ތަނަވަސްކޮށްދިން ބޯޅައަކުން ގެބްރިއަލް ޖީސަސްއެވެ. މިލަނޑު އެޓީމުން ކާމިޔާބު ކުރިތާ 3 މިނެޓު ފަހުން، މެޗުގެ 10 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އާސެނަލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާޓިން އޮޑެގާޑެވެ.

ދެ ލަނޑުގެ ލީޑެއްގައި އާސެނަލްއިން މެޗު ކުޅެމުން ދަނިކޮށް، މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކށް ވެސްޓްހަމްއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ސައިދް ބެންރަހްމާއެވެ.

ދެވަނަ ހާފުގެ ކުޅުމުގެ ތެރެއިން އާސެނަލްއަށް ވަނީ ލީޑު އަނެއްކާ ވެސް ފުޅާކުރަން ފުރުސަތު ލިބިފައެވެ. ނަމަވެސް އެޓީމަށް ލިބުނު ޕެނަލްޓީ ބުކަޔޯ ސަކާއަށް ފޮނުވާލެވުނީ ބޭރަށެވެ.

މެޗުގައި ވެސްޓްހަމްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 54 ވަނަ މިނެޓުގައި ތީލޯ ކެހްރާ ތަނަވަސްކޮށްދިން ބޯޅައަކުން ޖަރޮޑް ބޮވެންއެވެ.

މިނަތީޖާއާއި އެކީ މިރޭގެ މެޗު ނިމިގެން ގޮސްފައިވާއިރު، މިވަގުތު އާސެނަލް އޮތީ 74 ޕޮއިންޓާއި އެކީ ތާވަލުގެ އެއްވަނައިގައެވެ. އަދި ވެސްޓް ހަމް އޮތީ 31 ޕޮއިންޓާއި އެކީ ތާވަލުގެ 15 ވަނައިގައެވެ.

އާސެނަލް މި މެޗުން އެއްވަރު ވެފައިވާއިރު، މިވަގުތު އާސެނަލްއާއި އެންމެ ގާތުން ދެވަނައިގައި އޮތީ 70 ޕޮއިންޓާއި އެކީ މެންޗެސްޓަރ ސިޓީއެވެ. ސިޓީން ދެން އޮންނަ މެޗަކުން މޮޅުވެއްޖެނަމަ، އެފަރަގު އެންމެ ޕޮއިންޓަކަށް ތިރި ކުރެވޭނެއެވެ.