މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ބާއްވާ ގައުމީ ޗެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްސީއޭއިން ބުުނާގޮތުގައި މިއަހަރު ބާއްވާ ގައުމީ ޗެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

އެ މުބާރާތުގައި ޖުމްލަ 80,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް ކެޓަގަރީ، ވިމެންސް ކެޓަގަރީ އަދި އޯޕަންސް ކެޓަގަރީ ހިމެނޭގޮތަށެވެ. މިއީ މިގޮތަށް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މިތިން ކެޓަގަރީގެ ތެރެއިން އެންމެ ފުރަތަމަ އޮންނާނީ ކްލަބް ކެޓަގަރީގެ މެޗްތަކެވެ.

މެއި ހަތަރު ވަނަ ދުވަހުން 12ގެ ނިޔަލަށް ބާއްވާ މި ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތު މިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

ވިމެންސް ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 10 މެއިގެ ކުރީން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާއިިރު، މި ކެޓަގަރީގެ ކުޅުން އޮންނާނީ މެއި 17 އިން 27 ގެ ނިޔަލަށެވެ

އޯޕަން ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ ޖޫން 1 އާ ހަމައަށެވެ. މި ކެޓަގަރީގެ މެޗުތައް ކުރިއަށް ދާނީ ޖޫން ހަތެއް އިން 20 ވަނަ ދުވަހަށެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގައެވެ. ޤައުމީ ޗެސް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމެވެ.

ބޮޑު ފައިސާގެ އިނާމާއެކު އެމްސީއޭ އިން ބާއްވާ މި މުބާރާތަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. އެހެންނަމަވެސް ކޮވިޑް-19އާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު މިމުބާރާތް ނުބާއްވައެވެ.