ދާދި ފަހުން އަލް ހިލާލްއާއި އަލް ނަސްރު ބައްދަލުކުރި މެޗްގައި އެ ކްލަބްގެ ކުޅަދާނަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ސަޕޯޓަރަކާއި ދިމާލަށް ޖައްސާފައިވާ "ހުތުރު ވައްތަރުގެ" ސަބަބުން ސައުދީ އަރަބިއްޔާގެ ޤާނޫނީ ވަކީލު ނޫފް ބިން އަޙްމަދު އޭނާ ޑީޕޯޓްކުރުމަށް ގޮވާލައިފިއެވެ.

ނިމިދިޔަ އަންގާރަ ދުވަހުގައި އަލް ހިލާލްއާއި ވާދަކުރި މެޗްގައި އަލް ނަސްރުއަށް 2-0 ގެ ނަތީޖާއަކުން ލިބުނު ނާކާމިޔާބީއަށްފަހު، ރޮނާލްޑޯ ސަޕޯޓަރުންނާއި ދިމާލަށް ހުތުރު ވައްތަރު ޖައްސާފައިވާ ވީޑިއޯއެއް ޢާންމުވެފައިވެއެވެ.

އެވީޑިއޯއާއި ގުޅިގެން އޭނާ ސައުދީ އަރަބިއްޔާއިން ބޭރުކުރަން ޖެހިފައިވާ ކަމަށް ސައުދީ ވަކީލެއް ވަނީ ގޮވާލާފައިއެވެ. އެ މެޗުން ބަލިވުމަށްފަހު، މެޗް ބަލަން ތިބި ބައެއް މީހުން ރޮނާލްޑޯއާއި އެންމެ ވާދަވެރި ކުޅުންތެރިޔާ ކަމަށްވާ ލިޔޮނަލް މެސީގެ ނަން ގޮވަމުން ދަނިކޮށް، ރޮނާލްޑޯ ވަނީ ސަޕޯޓަރުން ކުރިމަތީގައި އޭނާ ލައިގެން ހުރި ސޯޓު މަތިން އޭނާގެ ކުރިމަތިފަރާތުގައި ހިފާފައި ތަޅުވާލާފައިއެވެ.

މި ވީޑިއޯއާއި ހަވާލާދީ "ދި ޑެއިލް މެއިލް"އިން ބުނީ އެ އަމަލަށްފަހު ރޮނާލްޑޯ ފެނިގެންދިޔައީ މެސީގެ ނަން ކިޔަމުންދިޔަ ސަޕޯޓަރުންނާއި ދިމާލަށް ބަލާފައި ހިނިތުންވެގެން ހުރި މަންޒަރެވެ.

ސައުދީގެ މި ޤާނޫނީ ވަކީލު ވަނީ 38 އަހަރުގެ ޕޯޗުގަލްއަށް ނިސްބަތްވާ ރޮނާލްޑޯގެ މައްޗަށް ދައުވާ ކުރަން މައްސަލަ ހުށަހަޅާނެކަމަށް ބުނެފައިއެވެ. "އެއީ އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ކުށެއްގެ ގޮތުގައި ބަލައި، ބިދޭސީއަކު ކުރިނަމަ ހައްޔަރުކޮށް ޑީޕޯޓްކުރަން ޖެހޭ ފަދަ ކުށްތަކުގެ ތެރެއިން ކުށެއް" ސައުދީ ޕްރޮސެކިއުޓަރސް އޮފީހަށް މި މައްސަލަ ހުށަހަޅާނެ ކަމަށް ޓްވިޓަރގައި އިއުލާނުކުރަމުން ނޫފް ބުނެފައިވެއެވެ.

ސްޕެއިންގެ މީޑިއާ "މަރކާ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް ނަސްރު އިން ވަނީ ރޮނާލްޑޯގެ މި އަމަލު ކުށްވެރި ކުރުމުގެ ބަދަލުގައި އޭނާ ދިފާއުކޮށްފައިއެވެ. އެގޮތުން، އެ ނޫހުން ރިޕޯޓްކުރިގޮތުގައި މިކަމާއި ބެހޭގޮތުން އަލް ނަސްރުއިން ބުނީ ރޮނާލްޑޯ އެގޮތަށް ކަންތައް ކުރަން ޖެހުނީ އޭނާއަށް "މެޗް ތެރެއިން ލިބުނު އަނިޔާއެއްގެ" ސަބަބުން ކަމަށެވެ.