ހަންޏާމީދޫ އެކުވެރިންގެ ދިރުން ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ވެޓެރަންސްކަޕް ފުޓްސެލް މުބާރާތުގެ، ވޭތުވެދިޔަ އަހަރުގެ ޗެންޕިއަން ނުގުޑާނެއަށް ތަށި ދިފާއުކުރެވޭގޮތެއް ނުވިއެވެ.

ހަންޏާމީދޫއަށް ނިސްބަތްވާ 35 އަހަރުންމަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މިމުބާރާތުގައި މިއަހަރު ވެސް ހަތަރުޓީމުން ވަނިީ ބައިވެރިވެފައެވެ. ފިތުރުޢީދު ދުވަހާއި ފިތުރުޢީދު ދުވަހުގެރޭ ކުރިޔަށް ގެންދިޔަ މި މުބާރާތުގެ މިއަހަރުގެ ސްޕޮންސަރ އަކީ ބީޗް ސްޓަރ މޯލްޑްވިސް އެވެ.

"ބީޗް ސްޓަރ މޯލްޑިވްސް އެޗްއީޑީ ވެޓެރަންސްކަޕް 1444" ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ މިދިޔަ އަހަރުގެ ޗެންޕިއަން ނުގުޑާނެ އާއި ވޭތުވެދިޔަ އަހަރު ޔޫވީޔޫއެޗްޑީގެ ނަމުގައި ނުކުމެ ރަނަރަޕް މަގާމް ހޯދި ޓީމުން މިއަހަރު ނެރުނު ދަ ވެޓެރެންސް އަދި ގުޑާނެ ޓީމާއި މާލެޓީމުއެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ކުޅުނު ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ދަ ވެޓެރަންސް މުބާރާތުގެ ފައިނަލް ދަތުރުކުރިއިރު ދެވަނަ މަގާމް ހޯދި ނުގުޑާނެ ޓީމު ވަނީ ދެމެޗް ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ނުގުޑާނެ ޓީމު ބަލިވީ ދަ ވެޓެރަންސްޓީމުއާ ބައްދަލުކުރި މެޗުންނެވެ.

ނުގުޑާނެ އާއި ދަ ވެޓެރަންސް ބައްދަލުކުރި ފައިނަލްމެޗް ދަ ވެޓެރަންސް ކާމިޔާބު ކުރީ ތިން ލަނޑު ދެލަނޑުންނެވެ. މިމެޗްގައި ދަ ވެޓެރަންސްއަށް ލަނޑުތައް ޖަހައިދިނީ ދެލަނޑު ޖަހައިދިން ހަސަން އަސްރަފް އާއި އަހްމަދު ޠަލްހަތު އެވެ. ނުގުޑާނެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އާދަމް ޒާހިރު އަދި އާދިލް ރަސީދު އެވެ. ފައިނަލްމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ވެޓެރަންސްގެ ހަސަން އަސްރަފްއެވެ.

މީގެ އިތުރުން ދެން ހޮވާލެވިފައިވަނީ މުބާރާތުގެ ޑްރީމް ޓީމެވެ. މި ކުޅުންތެރިންނަކީ ހަސަން އަސްރަފް (ދަ ވެޓެރަންސް) އާދަމް ސަރީފް (ދަ ވެޓެރަންސް) އަހްމަދު ޠަލްހަތު (ދަ ވެޓެރަންސް) މަސްއޫދު ހަސަން (ދަ ވެޓެރަންސް) މުހައްމަދު އަޒުހަރު (ނުގުޑާނެ) އެވެ.