އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ކައިލް ވޯކާ އަށް އިޓަލީގެ އޭސީ މިލާނުން ފާރަލަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އުމުރުން 32 އަހަރުގެ ވޯކާ، ސިޓީ އާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. ވޯކާ، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން އަދި އެއްވެސް މަޝްވަރާއެއް ކުރާ ކަން އެނގިފައި ނުވެއެވެ.

އަދި ސިޓީއާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމުގެ ޔަގީން ކަން ވެސް ވޯކާ ނުދެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ސިޓީ އާއި އޭސީ މިލާން ވާދަ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، އެއީ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑް ބަލިކޮށްފި ނަމައެވެ. އަނެއްކޮޅުން ސެމީގައި އޭސީ މިލާނުން ނަޕޯލީ ބަލިކޮށްފި ނަމަ، ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އަނިޔާގެ މައްސަލަތަކާއި ކުޅުން ދަށްވުމުގެ ސަބަބުން މި ސީޒަންގެ ޕްރިމިއާ ލީގުގައި ވޯކާ ކުޅެފައި ވަނީ 30 މެޗުގެ ތެރެއިން 19 މެޗެވެ. އޭނާ އަށް ގިނަ މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ނުދީ ބައިންދަނީ ބެންޗުގައެވެ.

އެކަމަކު، އެންމެ ފަހުން އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 އިން ސިޓީ މޮޅުވި މެޗުގެ ފުރަތަމަ 11 ގައި ވޯކާ ހިމަނާފައިވެއެވެ. ފަހަކަށް އައިސް ވޯކާ ކުޅެމުން އަންނަ ގޮތާ މެދުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމައެއް ނުޖެހެއެވެ.

ގާޑިއޯލާ ބުނެފައި ވަނީ ވޯކާގެ ކުޅުން ރަނގަޅުކޮށްފި ނަމަ، އޭނާ އަށް ފުރަތަމަ 11 އިން ޖާގަ ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސިޓީއާ 2017 ވަނަ އަހަރު ގުޅުނު ވޯކާ ވަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އެގޮތުން ސިޓީ އަށް ކުޅެދިން 241 މެޗުގައި ހަތަރު ޕްރިމިއާ ލީގުގެ ތައްޓާއި ހަތަރު ލީގް ކަޕާއި އަދި އެފް އޭ ކަޕްގެ ތަށި ހޯދުމަށް ވޯކާ ވަނީ އެހީތެރިވެދީފައެވެ.