މިއަދު މ.މުލީގައި ނިމުނު ދިވެހި ސާފް ލީގުގެ "މުލީކޮޅު ރާޅުގަނޑު" މުބާރާތް އަހުމަދު އާގިލް (އަންމަޑޭ) ދެވަނަ ފަހަރަށް ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ނަޖާހު މުހައްމަދު (ކަބޯ) ބަލިކޮށް މުލީކޮޅުގައި ހޯދި ކާމިޔާބީއަކީ އަންމަޑޭގެ ސާފިން ކެރިއަރުގައި ހޯދި ފުރަތަމަ ކާމިޔާބީއެވެ. އަމްމަޑޭ ވަނީ 2022 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ރާޅާއެޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައެވެ.

މިއަހަރުގެ މި މުބާރާތް މޫސުން ގޯސް ވުމުގެ ސަބަބުން ބާއްވާފައިވަނީ މުލީކޮޅު ރާޅުގަނޑުގެ ބަދަލުގައި މަޝްހޫރު "މަޝްރޫމްސް" ޕޮއިންޓުގައެވެ. މިދިޔަ އަހަރެކޭ އެއް ގޮތަށް މި އަހަރުގެ މުބާރާތުގައިވެސް އަންމަޑޭ ދިޔައީ ތަފާތު ނަތީޖާތަކެއް ނެރެމުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިދިޔަ އަހަރުގެ ލީގު ކާމިޔާބުކުރި އަންމަޑޭއާއި ފައިނަލުގައި ވާދަ ކުރި ހުސައިން އަރީފް (އިބޫ) އަކީ 7 ފަހަރު ގައުމީ މުބާރާތް ކާމިޔާބުކޮށްފައިވާ ރާޅާއެޅުންތެރިއެކެވެ.

ފައިނަލް ހީޓް ފަށައިގެން ގިނަ ވަގުތު ލީޑުގައި އޮތީ އިބޫއެވެ. ވާދަވެރިކަން ގަދަ މި ފައިނަލުގެ ފަހު ވަގުތު އަންމަޑޭ ވަނީ 8 ޕޮއިންޓާއި 6.03ގެ ދެ ރާޅު އަޅާ ލީޑު ނަގާފައެވެ. ފައިނަލް ހީޓު ނިމުނު އިރު އަންމަޑޭ ވަނީ 14.03 ހޯދާފައެވެ. އިބޫއަށް ލިބިފައި ވަނީ 13.50 ޕޮއިންޓުއެވެ.

ސެމީ ފައިނަލްގައި އަންމަޑޭ ވާދަކުރީ ޖޫނިއާ އެތުލީޓެއް ކަމަށްވާ ސައްޔިދު ސަލާހުއްދީނާ ދެކޮޅަށެވެ. ސެމީގެ ހީޓުގައި އަންމަޑޭ ވަނީ 17.17 ޕޮއިންޓް ހޯދައި، ސައްޔިދު ކޮމްބޯ ޕޮޒިޝަނަކަށް ވައްޓާލައިފައެވެ. އަންމަޑޭގެ ފުރަތަމަ ރާޅަށް ނުވަ ޕޮއިންޓް ހޯދި އިރު ތިން ވަނަ ރާޅަށް ވަނީ 8.17 ޕޮއިންޓު ހޯދާފައެވެ. ސައްޔިދަށް މި ހީޓްގައި ހޯދުނީ ޖުމްލަ 7.16 ޕޮއިންޓެވެ.

އަންމަޑޭ ވަނީ ކުއާޓާ ފައިނަލްގެ ހީޓުގައި އޭނާގެ ބޭބެ، ހަސަން ނާސިހު (ޗިކާ)ގެ މައްޗަށް ކުރި ހޯދައިފައެވެ. ކުއާޓާރ ފައިނަލުގައި އަމްމަޑޭގެ އެންމެ ރަނގަޅު ރާޅަށް 8.17 ޕޮއިންޓު ލިބިފައިވެއެވެ. ނާސިހަށް މި ހީޓުގައި 11.26 ޕޮއިންޓް ހޯދުނުއިރު އަންމަޑޭ ވަނީ 12.50 ޕޮއިންޓް ހޯދައިފައެވެ

ސައްޔިދު ސެމީއާ ހަމައަށް އައީ ކުއާޓާގައި، މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޗެމްޕިއަން މުހައްމަދު އިރުޝާދު (ބިއްލޫ) ބަލިކޮށްފައެވެ. ބިއްލޫ އަށް ކުއާޓާގެ ހީޓުގައި ޖުމްލަ 9.73 ޕޮއިންޓް ލިބުނުއިރު ސައްޔިދު ވަނީ 9.84 ޕޮއިންޓް ހޯދައިފައެވެ.