ރާއްޖޭގައި ބޭއްވި ފުރަތަމަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތިން ވަނަ ހުސައިން އަރީފް (އިބޫ) ހޯދައިފިއެވެ. މިއީ މިމުބާރާތުގެ ތާރީހުގައި އިބޫ ތިން ވަނަ ހޯދި ދެވަނަ ފަހަރުއެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށް ކ. ތުލުސްދޫގައި ކުރިއަށްދާ ބައިނަލްއަގުވާމީ މި ބޮޑު މުބާރާތުގައި އޭޝިއާގެ 18 ގައުމަކުން ސާފަރުން ވާދަކުރަމުން އަންނައިރު، ތިން ކެޓަގަރީއެއްގައި ރާއްޖެއިން 17 ސާފަރުން ވާދަކުރެއެވެ.

އެއީ, މެންސް އޯޕަން ބައިގައި އަށް ސާފަރުން، ޖޫނިއާ ފިރިހެން ބައިގައި އަށް ސާފަރުންނާއި އަންހެން ބައިގައި ވާދަކުރާ ރާހިލް ނަސީމް (އާޔާ)އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އިބޫ ރާޅާއަޅަނީ، ފޮޓޯ: ޖަލާ ސާފް ފޮޓޯސް

ރާއްޖޭގެ ސާފިންގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އިބޫ ވަނީ މި މުބާރާތުގައި ތަފާތު ދައްކާފައެވެ. ފުރަތަމަ ހީޓުގައި އިބޫ ވަނީ 12.33 ޕޮއިންޓް ހޯދައިގެން އެއްވަނަ ހޯދާފައެވެ. ދެވަނަ ހީޓުގައި 9.94 ޕޮއިންޓް ހޯދައިގެން އެއްވަނަ ހޯދި އިރު، ތިން ވަނަ ހީޓުގައި 13.06 ޕޮއިންޓާއި އެކު ވަނީ އެއްވަނަ ހޯދާފައެވެ. އަދި ހަތަރު ވަނަ މައިން ރައުންޑުން 12.33 ޕޮއިންޓާއި އެކު ތިން ވަނަ ލިބުމުން ރެޕެޗާޖު ރައުންޑް 6ގައި ވަނީ ވާދަކޮށްފައެވެ. މި ހީޑުން 14.90 ޕޮއިންޓާއި އެކު އެއްވަނަ ހޯދާ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއެވެ.

2019 ވަނަ އަހަރު ޖަޕާނުގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވެސް ތިން ވަނަ ހޯދި އިބޫ ފައިނަލުގައި ވަނީ 10.87 ޕޮއިންޓް ހޯދާފައެވެ. ޖަޕާނުގެ ރިކި ސަޓޯ މުބާރާތުގެ ދެވަނަ ހޯދީ 13.90 ޕޮއިންޑް ހޯދައިގެންނެވެ. އަދި އެއްވަނަ ހޯދި އިންޑޮނޭޝިއާގެ ޑެނީ ވިޑިއަންޓޯ ވަނީ 17.83 ޕޮއިންޓް ހޯދާފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އިބޫ ރާޅާއަޅަނީ، ފޮޓޯ: ޖަލާ ސާފް ފޮޓޯސް

މި މުބާރާތުގެ ޓީމު އިވެންޓުންވެސް ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ތިން ވަނަ ހޯދާފައެވެ. ޓީމު އިވެންޓުގައި ރާއްޖޭގެ އިތުރުން ވާދަކޮށްފައިވަނީ ޖަޕާން، ޗައިނާ އަދި ލެބަނަންއެވެ. 38.70 ގެ ނަތީޖާއަކާއެކު މި މުބާރާތުން ރަން މެޑަލް ހޯދީ ޗައިނާއެވެ. އަދި 30.77 ގެ ނަތީޖާއަކުން ރިހި މެޑަލް ހޯދީ ޖަޕާނެވެ. ރާއްޖެއިން ލޯ މެޑަލް ހޯދީ 26.63 ގެ ސްކޯއަކާއެކުއެވެ. ލެބަނަންއަށް ލިބުނީ 9.56އެވެ. ޓީމް އިވެންޓުގައި ރާއްޖޭގެ ޓީމުގައި ހިމެނުނީ ހުސައިން އަރީފް (އިބޫ)، އަހުމަދު އާގިލް (އަންމަޑޭ)، ހޫދު އަހުމަދު (ހޫބްޒް) އަދި އަންހެން ސާފަރު އާޔާ ނަސީމެވެ.