ރާއްޖޭގައި މި އަހަރު ބާއްވާ ހަތް ވަނަ ބައިނަލްއަގުވާމީ މުބާރާތް ކަމަށްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު މި މުބާރާތް ރަސްމީކޮށް ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ އޭޝިއަން ސާފިން ފެޑަރޭޝަން އަދި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތް ކުރިއަށް ދާނީ، ޖުލައި 9 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކ.ތުލުސްދޫގައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިމުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭޝިއާ ސާފިން ފެޑަރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ގައުމުތަގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގައި ރާއްޖޭގެ އައް އެތްލީޓުން ބައިވެރި ވާނެއެވެ. އެއީ ގައުމީ ސްކޮޑުގައި ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ)، ނަޖާހު މުހައްމަދު (ކަބޯ)، ޖައިލަމް ނިޒާރު، ހޫދު އަހުމަދު (ހޫބްޒް)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހުސެއިން އަރީފް (އިބޫ) އެވެ. މީގެ އިތުރުން އާދަމް މުއީން އާއި ހުސެއިން ނާސިހު (ޗިކާ)އެވެ.

މުބާރާތް ހުޅުއްވައިދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި، މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑަރޭޝަންގެ ފަރާތުން ވަނީ ރައީސް އަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވައިފައެވެ. މީގެ އިތުރުން މިރަސްމިއްޔާތުގެ ތެރެއިން، ކުރިޔަށް ގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އެތްލީޓުން ވަނީ ބައިވެރިވެފައެވެ. ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަގާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫޙާއި އެއްބައިވަންތަކަމެވެ.