މިމަހުގެ 28 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ކ. ތުލުސްދޫގައި ކުރިއަށް ދިޔަ ދިވެހި ސާފް ލީގުގެ "ރަންދާ ރާޅުގަނޑު" މުބާރާތުގައި، މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) އެއް ރާޅުން ފުރިހަމަ 10 ޕޮއިންޓް ހޯދައިފިއެވެ.

ސާފިންގައި ދެވޭ އެންމެ މަތީ ޕޮއިންޓް އަންމަޑޭ ހޯދާފައި ވަނީ އިއްޔެ ކުރިޔަށް ދިޔަ ރައުންޑް ފަސްގެ ހަތަރު ވަނަ ހީޓުގައި އެޅި ދެވަނަ ރާޅުގައެވެ. މިއީ ރާޅާއެޅުމުގެ ތާރީހުގައި ވެސް މުބާރާތަކުން ދިވެހި ރާޅާއެޅުންތެރިއެއްގެ ރާޅަކަށް ފުރިހަމަ 10 ޕޮއިންޓް ލިބުނު ފުރަތަމަ ފަހަރެވެ.

އަންމަޑޭގެ އުފަން ރަށުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ރައުންޑު 5ގެ ހަތަރު ވަނަ ހީޓުގައި އަންމަޑޭ ވަނީ ޖުމުލަ 18.67 ޕޮއިންޓް ހޯދާ، އެއް ހީޓެށްގައި އެންމެ ގިނަ ޕޮއިންޓް ހޯދި އެތްލީޓުގެ ރެކޯޑުވެސް ހަދާފައެވެ. ދިވެހި ގައުމީ ސާފިން ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ އަންމަޑޭގެ މި ރެކޯޑާއި އެކު އޭނާ މިވަނީ "ގްލޯބަލް ޓޮޕް ސްކޯރާސް"ގެ ލިސްޓުންވެސް ޖާގަ ހޯދާފައެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަންމަޑޭ ވާދަކޮށްފައި ވަނީ އެއްބަނޑު އެއްބަފާ ބޭބެ، ހަސަން ނާސިހު (ޗިކާ)އާއި އެވެ. މި ހީޓު އަންމަޑޭ ކާމިޔާބު ކޮށްފައި ވަނީ ޖުމުލަ 14.84 ޕޮއިންޓު ހޯދައިގެންނެވެ. ޗިކާއަށް ލިބިފައި ވަނީ 8.83 ޕޮއިންޓެވެ.

ރާއްޖޭގެ ތަޖުރިބާ ކާރު ރާޅާ އެޅުންތެރިޔާ ހުސައިން އަރީފް (އިބޫ) އާއި ދެކޮޅަށް ސެމީ ފައިނަލުގައި ވާދަކޮށް އަންމަޑޭ ވަނީ ބަލިވެފައެވެ. އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައިވެސް ވިދި ވިދިގެން ދެ ފަހަރު ބުރޯންޒް މެޑަލް ހޯދާފައިވާ އިބޫ ސެމީ ފައިނަލުގައި ވަނީ ޖުމުލަ 9.90 ޕޮއިންޓް ހޯދާފައެވެ. އަދި އަންމަޑޭއަށް ލިބިފައި ވަނީ 6.03 ޕޮއިންޓެވެ. މިއީ މިއަހަރުގެ ލީގުގައި އިބޫ ޗެމްޕިއަންކަން ހޯދި ދެވަނަ މުބާރާތެވެ.