މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޝިއަލް އަށް އަނިޔާވުމުން އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލު މެޗު އޭނާ އަށް ގެއްލިއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނިކުންނަ ފައިނަލުގައި މާޝިއަލްއަށް ނުކުޅެވޭނެކަން އެޓީމުން ވަނީ ހާމަކޮށްފައެވެ.

އާދިއްތަ ދުވަހު ކުޅުނު މި ސީޒަންގެ އިނގިރޭސި ޕްރިމިޔަރ ލީގުގެ ފަހު މެޗުގައި ފުލްހަމް އަތުން 2-1 އިން މޮޅުވި މެޗުގައި ފްރާންސްގެ ފޯވާޑް މާޝިއަލް އަށް ވަނީ ހޭމްސްޓްރިންގް އަނިޔާއަކާ ކުރިމަތިވެފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅުމާއި ގުޅިފައި ވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ.

2022 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ސެވިއްޔާއަށް ކުޅުމަށްފަހު މި ސީޒަނުގައި އޭނާ ވަނީ އެނބުރި ޔުނައިޓެޑަށް އައިސްފައެވެ. ސެވިއްޔާއަށް 9 މެޗު ކުޅެދިންއިރު އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވުނެވެ. 2015 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމަށްފަހު ކުޅެދިން 196 މެޗުން އޭނާ ވަނީ 62 ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ތައްޓާއި އެކު ސީޒަން ނިންމާލުމަށް މި ފައިނަލަކީ މެންޗެސްޓަރ ޔުނައިޓެޑަށް ވަރަށް މުހިންމު މެޗެކެވެ. ފަސް ސީޒަނަށް ފަހު މިދިޔަ ފެބްރުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އެއާއި އެކު ތާވަލުގެ ތިންވަނަގައި ސީޒަން ނިންމާލާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށްވެސް ޔުނައިޓެޑް ވަނީ ދަތުރުކޮށްފައެވެ.

އިދިކޮޅުން ނުކުންނަ މެންޗެސްޓަރ ސިޓީގެ އަމާޒަކީ ތިން ތައްޓާ އެކު ސީޒަން ނިންމާލުމެވެ. ސިޓީ އިން ޕްރިމިޔަރ ލީގުގެ ޗެމްޕިއަންކަން ފަހަތުން އަރާ ހޯދާފައި ވާއިރު، އެފްއޭކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ސިޓީ ވަނީ ޖާގަ ހޯދައިފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީއިން ނިކުންނާނީ އިންޓަރ މިލާންއާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު