ޗެލްސީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު މޭސަން މައުންޓް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ސީޒަނަށް ފަހު މައުންޓް ޗެލްސީ ދޫކޮށްލުން ވަރަށް ގާތެވެ. ޔުނައިޓެޑުން މައުންޓް ހޯދުމުގެ މަސައްކަތް ފަށާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗަށް ފަހުއެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އެންމެ ޝައުގުވެރިވާ އެއް ކުޅުންތެރިންގެ ތެރޭގައި މައުންޓް ހިމެނެއެވެ.

މި ސީޒަންގައި ޔުނައިޓެޑުން ވަނީ ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އަދި މެންޗެސްޓާ ސިޓީން ވަނީ ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފައެވެ. އެ ޓީމަށް ބާކީ އޮތީ އެފްއޭ ކަޕްގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ނުކުންނާނީ އިންޓަ މިލާންއާ ދެކޮޅަށެވެ.

މައުންޓް ޗެލްސީއާ އެކު ހެދި ކޮންޓްރެކްޓު ހަމަވާން ބާކީ 12 މަސް އެބައޮތެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން މައުންޓް ވިއްކާލާނެ ކަމަށް ބެލެވެނީ 85 މިލިއަން ޕައުންޑްގެ އަގެއްގައެވެ.

ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވި މޮރީސިއޯ ޕޮޗެޓީނޯ ބޭނުން ވަނީ މައުންޓް ބަހައްޓާށެވެ. އެކަމަކު، މައުންޓް ޗެލްސީގައި ހުންނަން ބޭނުން ނުވާ ކަމަށާއި އޭނާ ދިއުން އެންމެ ގާތީ ޔުނައިޓެޑަށް ކަމަށްވެއެވެ.

ޔުނައިޓެޑުން އަންނަނީ މިޑްފީލްޑަރެއްގެ އިތުރުން ފޯވާޑެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ޓެން ހާގް އެންމެ ޝައުގުވެރިވާ އެއް ކުޅުންތެރިއަކީ ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ކަމަށްވެއެވެ.

ނަމަވެސް ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވިދާޅުވީ ކޭން ހޯދުމަށް ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަން އެނގިފައިވާ ކަމަށެވެ. އެކަމަކު، ވާދަވެރި ކުލަބަކަށް ކޭން ވިއްކާލަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޭން، ޓޮޓެންހަމްއާ އެކުގައި ހަދާފައިވާ އެއްބަސްވުން ހަމަވާން ވެސް އޮތީ 12 މަހެވެ.

 

ކިޔުންތެރިންގެ ހިޔާލު