މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.

ވެމްބްލޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާެއިން ޔުނައިޓެޑް މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗު ފަށައިގެން 16 ވަނަ ސިކުންތުގައި ކެވިން ޑިބްރޭނާ ދިން ޕާހަކުން އިލްކާއީ ގުންޑޮގަން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ސިޓީއަށް ލީޑު ނަގައިދިނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސިޓީގެ އިތުބާރު ހިފޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ލީޑު ފުޅާކޮށްދިނުމަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މި މެޗުގައި ޔުނައިޓެޑުން އެއްވަރުކުރީ މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއަކުން، ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައި ސިޓީން ވަނީ އަލުން ލީޑު ހޯދައިފައެވެ. ޑިބްރޭނާ ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ގޮންޑޮގަންއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލާފައިވަނީ ޔުނައިޓެޑް ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ވެސް ސިޓީގެ ގުންޑޮގަން ވަނީ ޔުނައިޓެޑުގެ ގޯލުގެ ތެރެއަށް އިތުރު ބޯޅައެއް ފޮނުވާލައިފައެވެ. އާލިން ހާލަންޑް ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑެހެއާ މަތަކުރުމާއެކު ލިބުނު ބޯޅަ، ގުންޑޮގަން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

ސިޓީއަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ތުރުކީގެ އިސްތަންބޫލުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިމަހުގެ ދިހަވަނަ ދުވަހު ސިޓީން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ. މި ތިން ތަށި ކާމިޔާބު ކުރެވިއްޖެނަމަ ސިޓީއަށް ޓްރެބަލް ފުރިހަމަ ކުރެވޭނެއެވެ.