ނޯވިޗް ސިޓީގެ މައްޗަށް ކުރި ހޯދައި ލިވަޕޫލް އިން އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރިއިރު ވެސްޓް ހަމް ސައުތޭމްޓަންގެ އަތް ދަށުވެއްޖެއެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލުން ނޯވިޗް ބަލިކުރީ 2-1 އިންނެވެ.

ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލް އިން މި މެޗާ ކުރިމަތިލީ ގިނަ ބަދަލުތަކާއެކުގައެވެ. މިދިޔަ އާދިއްތަ ދުވަހު ކަރަބާއޮ ކަޕުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ނުކުތް ޓީމުގެ ތެރެއިން ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު ޔާގަން ކްލޮޕް ހިމަނާފައިވަނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެކަންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ނޯވިޗް ކޮޅަށް ޖެހި ދެ ގޯލް ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ ފޯވަޑް ޓަކޫމީ މިނަމީނޯއެވެ. ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި މިނަމީނޯ ޖެހީ ޑިވޯކް އޮރީގީ ތަނަވަސްކުރި ފުރުސަތެއްގައެވެ. މިނަމީނޯ ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނީ މި ހާފުގެ 38 ވަނަ މިނެޓުގައެވެ. މެޗުގައި ނޯވިޗުން ޖެހި ހަމައެކަނި ގޯލް 76 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ރަޕްއެވެ.

އެފްއޭ ކަޕުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސައުތެމްޓަން ވަނީ 3-1 އިން ވެސްޓް ހަމް ޔުނައިޓެޑު ބަލިކޮށްފައެވެ. ސައުތޭމްޓަން އަށް މެޗުގައި ގޯލްތައް ޖަހައިދިނީ ޖޭމްސް ވާޑް ޕްރައުސް އާއި ރޮމެއިން ޕެރާޑުގެ އިތުރުން އަރްމާންޑޯ ބްރޯޖާއެވެ. ވެސްޓް ހަމްގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ މިކެއިލް އެންޓޯނިއޯއެވެ.