ސައުދީ އަރަބިއްޔާގެ ކްލަބުތަކުން ކްރިސްޓަލް ޕެލެސްގެ ފޯވާޑް ވިލްފްރީޑް ޒަހާ ގެންދަން ބޭނުންވި ކަމުގައި ވިޔަސް، ޒަހާ ބޭނުން ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށް ބަދަލުވާން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އައިވަރީ ކޯސްޓްގެ ގައުމީ ޓީމުގައި ހިމެނޭ ޒަހާ، ކްރިސްޓަލް ޕެލެސްއާ އެކުގައި ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަމަވާނެއެވެ. އެހެންވެ، އޭނާގެ ކުރިމަގާ މެދުގައި އޮތީ ސުވާލު އުފެދިފައެވެ. ޒަހާ ގެންދިއުމަށް ސައުދީގެ ބައެއް ކްލަބުތަކުން ބޭނުންވެއެވެ.

އެގޮތުން، ޒަހާ އަށް އަގު ބޮޑު އޮފާތައް އެ ކުލަބުތަކުން ހުށަހަޅާފައިވެއެވެ. އެކަމަކު، ސައުދީގެ ކުލަބަކަށް ދިއުމުގެ ބަދަލުގައި ޒަހާ ބޭނުން ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށް ބަދަލުވާން ކަމަށްވެއެވެ.

ޒަހާ ކޮންޓްރެކްޓް އާ ކޮށްފައި ނުވާތީ އޭނާ ބޭނުން ކްލަބަކަށް ދިއުމުގެ އިހްތިޔާރު ވަނީ ދީފައެވެ. އުމުރުން 30 އަހަރުގެ ޒަހާ ހޯދުމަށް ވަރަށް ގިނަ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި ސައުދީ އާއި ގަތަރުން ޒަހާ އަށް ވަރަށް ބޮޑު މުސާރައެއް ދިނުމަށް ވެސް ތިބީ ތައްޔާރަށެވެ.

ޒަހާ އަށް ޝައުގުވެރިވާ ކްލަބުތަކުގެ ތެރެއިން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ ކުޅެނީ އެތުލެޓިކޯ މެޑްރިޑާއި ޕީއެސްޖީއެވެ. ޕީއެސްޖީން ވަނީ ޒަހާއަކީ ޓްރާންސްފާގެ އެންމެ ބޮޑު އެއް އަމާޒަށް ހަދައިފައެވެ.

ޒަހާ އަށް ކްރިސްޓަލް ޕެލެސް އިން ވަނީ ހަތަރު އަހަރުގެ އެއްބަސްވުމަކާއި ހަފްތާއަކު 200،000 ޕައުންޑް ލިބޭ އެއްބަސްވުމެއް ހުށަހަޅައިފައެވެ. އެކަމަކު، މި މަސް ނިމުމުގެ ކުރިން އޭނާ ގޮތެއް ނިންމަން ޖެހެއެވެ.