އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ދޫކޮށްލަން އުޅޭ ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެފިއެވެ.

2011 ވަނަ އަހަރު އެތުލެޓިކޯ މެޑުރިޑު ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ޑެހެއާ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން އަންނަ ސީޒަނުގައި އެކުލަބުގައި މަޑުކުރާނަމަ އިތުރު އެއްބަސްވުމެށް ހަދަން ޖެހޭނެއެވެ.

ޔުނައިޓެޑުން އިއްޔެ ނެރުނު އެ ކްލަބުން ކޮންޓްރެކްޓްގައި ދެމިތިބޭނެ ކުޅުންތެރިންގެ ލިސްޓުގައި ޑެހެއާ ގެ ނަމެއް ނެތެވެ. ލިސްޓް އާންމުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ވަނީ ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ޔުނައިޓެޑުން ބުނީ ޑެހެއާއާ އެކު އާ ކޮންޓްރެކްޓެއްގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުން އާ ކުރިޔަސް ޔުނައިޓެޑްގެ އެއް ވަނަ ކީޕަރުގެ މަގާމު ޑެހެއާ އަށް ޔަގީންނުވާތީ އޭނާ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. މީޑީޔާ ރިޕޯޓުތަށް ބުނާ ގޮތުން އަންނަ ސީޒަނަށް އާ ކީޕަރުން ހޯދުމުގެ މަސައްކަތްވެސް ޔުނައިޓެޑުން ދަނީ ކުރަމުންނެވެ.

18 މިލިއަން ޔޫރޯއަށް ޔުނައިޓެޑަށް ބަދަލުވި ޑެހެއާ 2015 ވަނަ އަހަރުވެސް ކުލަބު ދޫކޮށްލުމާއި ވަރަށް ގާތަށް ދިޔައެވެ. އެއަހަރު ޑެހެއާ ބަދަލުވާން އުޅުނީ ރިއަލް މެޑުރިޑަށެވެ. އެހެން ނަމަވެސް ޓްރާންސްފާގެ ވަގުތު ހަމަވި އިރުވެސް ޔުނައިޓެޑުން ރިއަލް މެޑުރިޑަށް ފޮނުވަން ޖެހޭ ލިޔުންތަށް ނުފޮނުވުމުން ބަދަލު ވެވޭ ގޮތް ނުވިއެވެ.

 

މިދިިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވި ފަހުން، ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން އެކި ފަހަރު މަތިން މީޑިއާގެ ސުވާލުތައް ކުރިމަތިވިއެވެ. އެހެން ނަމަވެސް ޑެހެއާ ޓީމުގައި މަޑު ކުރާނެ ކަމުގެ އެއްވެސް ވާހަކައެއް ކޯޗު ހިއްސާކޮށްފައި ނުވާއިރު، އަންނަ ސީޒަނަށް އާ ކީޕަރުން ހޯދާނެ ކަމުގައި ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގެ މޮޅު ކީޕަރަށް ދޭ "ރަން އަންގި" މިދިޔަ ސީޒަނުގައި ޑެހެއާ ވަނީ ހޯދާފައެވެ. އަދި އޭގެ އިތުރުން އެންމެ ގިނަ މެޗުން ބަލި ނުވެ ކުޅުނު ކީޕަތުގެ ރެކޯޑުވެސް ވަނީ ހަދާފައެވެ. އެހެން ކަމުން އަންނަ ސީޒަނުގައި ޔުނައިޓެޑުގެ ޓީމުން ޑެހެއާ ފެނުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެއް ކަމުގައިވެސް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު