ބްރެޒިލް އާއި ގިނީ ރޭ ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި ބްރެޒިލް ކުޅުންތެރިން ދެ ހާފްގައި ދެ ކުލައިގެ ޖާޒީއެއް ލައިގެން މެޗު ކުޅުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މި މެޗުގައި ބްރެޒިލް ކުޅުންތެރިން ފުރަތަމަ ހާފް ކުޅުނީ ކަޅު ޖާޒީއެއްގައެވެ. އަދި މެޗުގެ ދެވަނަ ހާފްގައި އެ ޓީމު ކުޅުނީ ރީނދޫ ކުލައިގެ ޖާޒީއެއްގައެވެ.

ބްރެޒިލްގެ ގޯލް ކީޕަރުން ބޭނުން ކުރާ ކަޅު ކުލައިގެ ޖާޒީ މިފަހަރު ޓީމުގެ ކުޅުންތެރިން ބޭނުން ކުރީ ނަސްލީ ތަފާތު ކުރުމާ ދެކޮޅު ކަން އަންގައި ދިނުމުގެ ގޮތުންނެވެ. މިއީ ބްރެޒިލްގެ ތާރީހުގައިވެސް އެ ޓީމްގެ ކީޕަރގެ ބަދަލުގައި އެހެން ކުޅުންތެރިން ކަޅު ކުލައިގެ ޖާޒީ ބޭނުންކުރި ފުރަތަމަ ފަހަރެވެ. އެއީ ބްރެޒިލްގެ ގައުމީ ޓީމްގައި ހިމެނޭ ވިނިޝިއަސް ޖޫނިއާ އަށް ނަސްލީގޮތުން ފުރައްސާރަކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުން ވިނިޝިއަސްއާއި އެއްކޮޅަށް ތިބިކަން އަންގައި ދިނުމަށް ކުރި ކަމެކެވެ.

މެޗް ފެށުމުގެ ކުރިން، ބްރެޒިލްގެ ޓީމުން ވަނީ "ނަސްލީ ތަފާތުކުރުމާއެކު، ފުޓްބޯޅައެއް ނެތް" ކަމަށް ލިޔެފައިވާ ބޯޑެއް ދައްކާލާފައިއެވެ. ދެ ޓީމުންވެސް ވަނީ މި ބެނާގެ ފަހަތުގައި ހުއްޓި ހުރެގެން ފޮޓޯ ނަގާފައިވެއެވެ. އެއަށްފަހު، ގިނީއާ ބްރެޒިލްގެ ޓީމްތަކުން ވަނީ ކަކޫ މައްޗަށް ތިރިވެގެން ތިބެ، ނަސްލީ ތަފާތުކުރުމާއި ދެކޮޅުކަން ރަމްޒުކޮށްދިނުމަށް އެއް މިނިޓްގެ ވަގުތުކޮޅެއް، ހަމަހިމޭންކަމުގެ ސުކޫތެއްގައި ހޭދަކޮށްފައެވެ.

ގިނީ އަތުން 4-1 އިން ބްރެޒިލް މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު ޖޮއެލިންޓަންއެވެ. އެއަށްފަހު، މެޗުގައި ދެން ލަނޑު ޖެހީ ރެއާލް މެޑްރިޑަށް ކުޅެމުންދާ ތިން ކުޅުންތެރިން ކަމުގައިވާ ރޮޑްރީގޯއާއި, އެޑާ މިލިޓާއޯއާއި, ވިނީޝިއުސް ޖޫނިއާއެވެ. ވިނިޝިއަސް ލަނޑު ޖަހާފައިވަނީ މެޗްގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.