ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް ގެންދިއުމަށް ޔުނައިޓެޑުން 50 މިލިއަން ޕައުންޑް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މައުންޓް ގެންދިއުމަށް ޔުނައިޓެޑުން މީގެކުރިން ހުށަހެޅި 40 މިލިއަން ޕައުންޑްގެ ބިޑް ޗެލްސީން ވަނީ ބަލައިނުގަންފައެވެ. އުމުރުން 24 އަހަރުގެ މައުންޓް ޗެލްސީއާ އެކުގައި ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާ އިރު، ޔުނައިޓެޑުން ކުރިން ހުށަހެޅި ބިޑަށް ވުރެ ތަންކޮޅެއް ބޮޑު ބިޑެއް ހުށަހަޅަން އުޅޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ.

ޔުނައިޓެޑުން އަންނަނީ މިޑްފީލްޑަރެއްގެ އިތުރުން ފޯވާޑެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން އެންމެ ޝައުގުވެރިވާ ކުޅުންތެރިޔައަކީ ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންއެވެ. އެކަމަކު، ކޭން ހޯދުމުގައި ޔުނައިޓެޑަށް މާ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ.

އަނެއްކޮޅުން ލިވަޕޫލުން ވެސް އަންނަނީ މައުންޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މައުންޓް ވަނީ ޗެލްސީ އަށް ކުޅެދިން 195 މެޗުގައި 33 ގޯލް ޖަހައި 37 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. މައުންޓް ވަނީ ޗެލްސީ އާ އެކުގައި 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޗެލްސީ އަށް މި ފަހުން ލިބުނު ކާމިޔާބީތަކުގައި އެންމެ މުހިންމު އެއް ހިއްސާދާރަކީ ވެސް މައުންޓެވެ.

އެކަމަކު، މައުންޓަށް ފަހުން ދިމާވި އަނިޔާގެ މައްސަލަތަކާއި ފޯމް ދަށްވުމުގެ ސަބަބުން ޗެލްސީގެ ކުރިމަގާ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. ބަނޑުގެ އޮޕަރޭޝަނެއް ކުރަން ޖެހިގެން މައުންޓް މި ސީޒަންގެ ޕްރިމިއާ ލީގުގެ 12 މެޗަކުން ފެނިފައެއް ނުވެއެވެ. އެކަމަކު، އޭނާ ވަނީ ލީގުގައި 24 މެޗު ކުޅެދީ ތިން ގޯލް ޖަހައިފައެވެ.

ޗެލްސީ އާއިއެކު މައުންޓް ވެފައި އޮތް އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ. އެހެންކަމުން ޗެލްސީ އަށް އޮތް ގޮތަކީ އެއްބަސްވުން އާކުރުން ނުވަތަ އޭނާ ވިއްކާލުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.