އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގެ ހަތަރު ވަނަ މެޗު ފަސޭހަ ކަމާއެކު ލުބުނާނުން ކާމިޔާބުކޮށް ސެމީގެ ޖާގައެށް ކަށަވަރުކޮށްފިއެވެ.

މި މެޗު ލުބުނާނުން ކާމިޔާބުކޮށްފައި ވަނީ ބޫޓާން 4-1 އިން ބަލިކޮށްގެންނެވެ.

ސަރަހައްދުން ބޭރުން މުބާރާތުގައި ބައިވެރިވި ލުބުނާނުން މެޗުގެ ފުރަތަމަ ހާފުގައި ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުން މެޗުގައި ޖެހި ފުރަތަމަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބުކޮށް ދިނީ މުހައްމަދު ސަޑެކްއެވެ. އޭގެ ކުޑަ ވަގުތު ކޮޅެށް ފަހުން މެޗުގެ 23 ވަނަ މިނެޓުގައި އަލީ އަލް ހަޖް ވަނީ ލުބުނާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލުބުނާން އަދި ބޫޓާން ބައްދަލު ކުރި މެޗުގެ ތެރެއިން. ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ބޫޓާންގެ ޒުވާން ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެށް ފެނިގެން ދިޔަ މިމެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށްގެން ކުޅެފައި ވަނީ ލުބުނާނުންނެވެ. ލުބުނާނުން މެޗުގައި ޖެހި ތިން ވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑު ލުބުނާނަށް ކާމިޔާބުކޮށް ދިނީ ޙަލީލް ބަދެރްއެވެ.

ބޫޓާނުން ތިން ގޯލު ޖަހާ ކުރި ހޯދާފައިވީ ނަމަވެސް ބޫޓާނުން ވަނީ ހިތްވަރާއެކު ލުބުނާނުގެ ގޯލަށްް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ. ނަމަވެސް ލުބުނާންގެ ކީޕަރު މި ހަމަލާތައް ދިފާއު ކުރި އިރު، މެޗުގައި ލުބުނާނުން ޖެހި ހަތަރު ވަނަ ލަނޑު ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށް ދިނީ މަހްދީ ޒެއިންއެވެ.

ލުބުނާން އަދި ބޫޓާން ބައްދަލު ކުރި މެޗުގެ ތެރެއިން. ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ދެވަނަ ހާފަށް ބޫޓާނުން ނުކުމެފައި ވަނީ ފުރަތަމަ ހާފަށް ވުރެ ކުޅުން ރަނގަޅުކޮށްގެންނެވެ. ގިނަ ހަމަލާތަކެއް ވެސް ބޫޓާންގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. ބޫޓާނުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ފެނިގެން ގޮސްފައި ވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ޗެންޗޯއެވެ.

ގުރޫޕް ބީގެ ހަތަރު މެޗު ނިމުނު އިރު ކުޅުނު ދެ މެޗު ކާމިޔާބުކޮށް ލުބުނާނުން 6 ޕޮއިންޓާއި އެކު އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. އަދި ރާއްޖެ އާއި ބަންގްލަދޭޝްއަށް ލިބިފައި ވަނީ ތިން ޕޮއިންޓުއެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ބޫޓާން އޮތީ ގުރޫޕުގެ ހަތަރު ވަނައިގައެވެ.