އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށް ދާ ސާފު ޗެމްޕިއަންޝިޕްގައި ރެކޯޑު އަދަދަކަށް ރަތް ކާޑު ދެއްކި މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ދެއްކި ރަތް ކާޑާއެކު ސެމީ ފައިނަލުގައި ބައިވެރި ނުވެވޭނެއެވެ.

މި އަހަރުގެ މުބާރާތުގައި އީގޯ ސްޓިމަކަށް ދެއްކި މީ ދެވަނަ ރަތް ކާޑެވެ. ފުރަތަމަ ރަތް ކާޑު ދައްކާފައި ވަނީ މުބާރާތުގައި އިންޑިއާ ފުރަތަމަ ކުޅުނު މެޗުގައެވެ. ޕާކިސްތާނާއި އިންޑިއާ ބައްދަލު ކުރި މިމެޗުގެ ފުރަތަމަ ހާފުގައި ކޯޗު ވަނީ ޕާކިސްތާނުގެ ކުޅުންތެރިން އެއްލުމަށް ހުރަސްއަޅަން ބޯޅާގައި ޖަހާފައެވެ. އެކަމާއި ކުޅިގެން ދެއްކި ރަތްކާޑާއި ގުޅިގެން ނެޕާލްއާއި ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި ބައިވެރިނުވެވުނެވެ.

ރޭ ކުވައިތާއި އިންޑިޔާ ބައްދަލު ކުރި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައިވެސް ރަތްކާޑު ދައްކާފައި ވަނީ ހަމަ އެއްލުމަށް ހުރަސްއެޅުމަށް ބޯޅަ ހިފެހެއްޓުމުންނެވެ. އޭގެ ކުރިން މެޗުގެ 63 ވަނަ މިނެޓުގައި އޭނާ އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ނަމަވެސް އެއީ ކިހިނެއް ވެގެން ދެއްކި ކާޑެއްކަން ސާފު ނުވާ ކަމުގައި އިންޑިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ވަނީ ބުނެފައެވެ.

އިންޑިޔާ އަދި ޕާކިސްތާނު މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން: ވަގުތު އިމޭޖަސް: އަބުދުﷲ އަބީދު

ފުރަތަމަ މެޗުގައި ދެއްކި ރަތްކާޑާއި ގުޅިގެން ކޯޗު އީގޯ ސްޓިމަކް ބުނެފައި ވަނީ ކުޅުންތެރިންގެ ހައްގުގައި ދެވަނަ ރަތް ކާޑެއް ހޯދަން ޖެހުނަސް އެކަން ކުރާނެ ކަމުގައެވެ. ނަމަވެސް ރޭ މެޗުގައި ދެއްކި ރަތް ކާޑާއި ގުޅޭ ގޮތުން ޕޯސްޓް މެޗް ޕުރެސްގައި އެސިސްޓެންޓް ކޯޗު ވަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

"މެޗުގައި ހުރި ރެފްރީއަކީ ވަރަށް ދަށް ރެފްރީއެއް. ސާފުން އެކަމާ ވިސްނަން ޖެހޭނެ. ނޫނިއްޔާ މި މުބާރާތުގެ އަގު ވެއްޓޭނެ. އަހަރެމެން ކޯޗަށް މި މެޗުގައިވެސް އަދި ކުރީ މެޗުގައިވެސް ދެއްކީ ދައްކަން ނުޖެހޭ ރަތް ކާޑުތަކެއް އަދި މިރޭގެ މެޗުގައި ހުރި ރެފްރީއަށް މެޗު ކޮންޓްރޯލެއް ނުވި."

ކޯޗުގެ އިތުރުން ދެ ކުޅުންތެރިންނަށްވެސް ވަނީ މެޗުގައި ރަތް ކާޑު ދައްކާފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ހިނގާދިޔަ ހަމަ ނުޖެހުމާއި ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއީ މި މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ ރަތްކާޑު ދެއްކި މެޗެވެ. މިހާތަނަށް މި އަހަރުގެ މިބާރާރުގައި ފެނިގެން ގޮސްފައި ވަނީ ޖުމުލަ ފަސް ކާޑެވެ. އެއީ މިރޭ މެޗުގައި ދެއްކި ތިން ކާޑާއި ޕާކިސްތާން އިންޑިޔާ މެޗުގައި ކޯޗު އީގޯ ސްޓިމަކަށް ދެއްކި ކާޑުގެ އިތުރުން ރާއްޖޭގެ ރާއިފްއަށްް ދެއްކި ރަތް ކާޑެވެ.