މެންޗެސްޓާ ސިޓީން ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކޮވަސިޗަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕު ކާމިޔާބުކުރުމަށްފަހު ސިޓީން ހޫނު މޫސުމުގައި ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

ސިޓީއަށް ސޮއި ކުރުމަށްފަހު ކޮވަސިޗް ބުނީ ސިޓީ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށާއި ސިޓީއާ ގުޅުމަކީ ކޮޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ، ދަސްކުރަން ބޭނުންވާ ގިނަ ކަންކަން އަދިވެސް ހުރިކަމަށާއި، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށެވެ.

ޗެލްސީން ސިޓީއަށް ކޮވަސިޗް ބަދަލުވީ 25 މިލިއަން ޕައުންޑަށެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ސިޓީއާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ އާއެކު ސޮއިކުރުމުގެ ކުރިން އިކާއީ ގުންޑޮގާން ބާސެލޯނާއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލުވިކަން އެ ކުލަބުން ވަނީ އިއުލާނުކޮށްފައެވެ.

ކޮވަސިޗް ރެއާލް މެޑްރިޑުން ޗެލްސީއާ ގުޅުނީ 2018 ވަނަ އަަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީ އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ އެ ކުލަބަށް 37 މެޗު ކުޅެދީފައެވެ. ފަހުގެ ތާރީހުގައި ޗެލްސީގެ އެންމެ ނާކާމިޔާބު ސީޒަން ނިންމާލީ ތާވަލުތެ 12 ވަނައިގައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކޮވަސިޗް ވަނީ ކްރޮއޭޝިއާ އަށް 95 މެޗު ކުޅެދީފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ކްރޮއޭޝިއާއިން ހޯދިއިރު، އޭނާ ވަނީ މުބާރާތުގެ ހުރިހާ މެޗެއްގައި ކުޅެފައެވެ.