ޕޯޗުގަލް އަށް އުފަން ކޯޗް ލުއިސް ކާސްޓްރޯ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބް އަލް ނަސްރުގެ ކޯޗަކަށް ވުމަށް އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 61 އަހަރުގެ ކާސްޓްރޯ މިހާރު މަސައްކަތް ކުރަނީ ބްރެޒިލްގެ ސޭރީ އާ ލީގްގައި އެންމެ ކުރީގައި އުޅޭ ފުޓްބޯޅަ ކްލަބް ބޮޓަފޯގޯގައެވެ. ނިމިދިޔަ ސީޒަންގައި ކޯޗް ރޫޑީ ގާސިއާގެ ކޯޗްކަމުގެ ދަށުން އަލް ނަސްރަށް ސައުދީ ޕްރޯ ލީގް ކާމިޔާބުނުކުރެވުމާ އެކު އެކީގައި ޓީމްގެ ސްޓާ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ މައްސަލަ ޖެހުމާ ގުޅިގެން ގާސިއާ ވަނީ އޭޕްރީލް މަހުގައި މަގާމުން ވަކިކޮށްފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކާސްޓްރޯއަށް އަލް ނަސްރަށް އަންނަން ދައުވަތު ދީފައިވަނީ ޕޯޗުގަލްގެ ގައުމީ ޓީމުގައި ހިމެނޭ ރޮނާލްޑޯއެވެ. ކާސްޓްރޯ އަލް ނަސްރަށް ކޯޗުކަން ކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު އަހަރަކަށް އެއްބަސްވުން އާ ކުރުމުގެ އިޚްތިޔާރުވެސް ލިބިފައިވެއެވެ.

ބޮޓަފޯގޯއާއިއެކު ކާސްޓްރޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކަނޑައެޅިފައިވަނީ މާޗް 2024 ގެ ނިޔަލަށެވެ. ގަތަރުގެ ކްލަބް އަލް ދުހައިލް އެސް ސީއަށް ވަގުތީ ގޮތަކަށް ކޯޗްކަން ކޮށްދިނުމަށްފަހު އޭނާ ބޮޓަފޯގޯއާއި ގުޅުނީ 2022 ވަނަ އަހަރުގައިއެވެ. ބޮޓަފޯގޯއާއި ހަވާލުވުމާއިއެކު، ކާސްޓްރޯ ވަނީ އެ ޓީމަށް ޓާކާ ރީއޯގެ ތަށި މިލްކުކޮށްދިނުމުގައި އެހީތެރިވެފައިއެވެ. އޭގެ ކުރީގައި އޭނާ ވަނީ ޕޯޗުގީޒްގެ ފުޓްބޯޅަ ކްލަބް ވިޓޯރިއާ ގިމަރައޭސްގައިވެސް ކޯޗްއެއްގެ ޒިންމާ އަދާކޮށްފައިއެވެ.

1997 ވަނަ އަހަރުގައި ކާސްޓްރޯގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ޕޯޗުގީޒް ކްލަބް އަގުއެޑޯއިންނެވެ. އެއަށްފަހު، އޭނާ ވަނީ އެ ކްލަބަށް ކޯޗްކަން ކޮށްދީފައިއެވެ. މިއަލްހާދާ، ސްތައްރައިޖާ، ޕެނަފިއެލް އަދި ޕޯރްތޯ ބީ ފަދަ ޕޯޗުގީޒް ކްލަބްތަކަށް އޭނާ ވަނީ ޚިދުމަތްކޮށްފައިއެވެ.

2019 އަދި 2021 ވަނަ އަހަރުގައި ކާސްޓްރޯ ވަނީ ޔޫކްރެއިންގެ ވަރުގަދަ ކްލަބް ޝަހްތާރް ޑޯނެސްޓްކްގައިވެސް މަސައްކަތްކޮށްފައިއެވެ. ކާސްޓްރޯގެ މަސައްކަތުން އެ އަހަރުގައި ޝަހްތާރް ޑޯނެޓްސްކް ވަނީ ޔޫކްރެއިންގެ ޕްރިމިއާ ލީގް ކާމިޔާބު ކުރުމުގެ އިތުރަށް ޔޫރޮޕާ ލީގްގެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކޮށްފައިއެވެ.

މިއަދާ ހަމައަށް ކާސްޓްރޯ ވަނީ 515 މެޗު މެނޭޖްކޮށް، އޭގެ ތެރެއިން 245 މެޗުން މޮޅުވެ، 173 މެޗުން ބަލިވެފައެވެ. އެހެންކަމުން، ނާކާމިޔާބު ސީޒަނަކާއި ކުރިމަތިލާފައިވާ އަލް ނަސްރަށް އޭނާގެ ތަޖްރިބާ މެދުވެރިވެގެން ކާމިޔާބު ސީޒަނަކަށް މަސައްކަތްކުރެވޭނެ ކަމަށް ބައެއް ތަޖްރިބާކާރުން އުންމީދުކުރެއެވެ.