އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-1 އިން ލާޒިއޯ އަތުން ނަޕޯލީ ބަލިވެއްޖެއެވެ.

މިއީ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ މި ފަހަރުގެ ސީޒަނުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ލާޒިއޯ އިން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.

ސްޓާޑިއޯ ޑިއޭގޯ އާރްމަންޑޯ މަރަޑޯނާގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ލާޒިއޯ އިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފެލިޕޭ އެންޑަސަން ދިން ބޯޅައަކުން ލާޒިއޯ އަށް މި ލަނޑުޖަހައިދިނީ ލުއިސް އަލްބާޓޯ އެވެ.

އޭގެ މިނެޓުފަހުން، ނަޕޯލީ އަށް އެއްވަރުކޮށްދިނީ ޕޮލެންޑްގެ މިޑްފީލްޑަރު، ޕިއޮޓްރެ ޒިއެލިންސްކީ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ލާޒިއޯ މޮޅުކޮށްދިނީ ޑައިޗީ ކަމާޑާ އެވެ. މިއީ މި ފަހަރުގެ ސީޒަނަށް އަލަށް އެ ޓީމާ ގުޅުނު ކަމާޑާ ޖަހައިދިން ފުރަތަމަ ގޯލެވެ.

އޭގެފަހުން، ލާޒިއޯ އަށް މަޓިއާ ޒަކާނީ އާއި މަޓެއޯ ގެންޑޫޒީ ލަނޑުޖަހައިދިން ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑުތައް ގަބޫލެއްނުކުރިއެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އިންޓަގެ ދަނޑުގައި ނިކުންނާނީ ފިއޮރެންޓީނާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު