ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު ޖެހި ލަނޑުތަކުން ބްރެންޓްފޯޑް ބަލިކޮށްފިއެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗްގެ ފުރަތަމަ ހާފްގެ 26 ވަނަ މިނެޓުގައި ޔުނައިޓަޑުން ފަހަތުގައި ހެދުނު ގޯހަކުން ބްރެންޓްފޯޑް ވަނީ ލަނޑެއް ކާމިޔާބު ކޮއްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބްރެންޓްފޯޑްގެ ޑެންމާކަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މެތިއަސް ޖެންސަނެވެ. މިއީ އޭނާ މި ސީޒަންގަިއ ޖެހި ދެވަނަ ލަނޑެވެ.

ޔުނައިޓަޑް އަދި ބްރެންޓްފޯޑްގެ ކުޅުންތެރިން / ގެޓީ އިމޭޖަސް

ބްރެންޓްފޯޑާ ދެކޮޅަށް ރޭ ކުޅެވުނު މެޗުގައި ޔުނައިޓަޑުން ލަނޑެއް ނުޖެހި ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ބްރެންޓްފޯޑްގެ ކީޕަރު ތޯމަސް ސްޓްރާކޮށާ ވަނީ ހުޝިޔާރު ކަމާއެކު ހަމަލާތައް ދިފާއު ކޮއްފައެވެ. މެޗްގެ 89 ވަނަ މިނެޓުގައި ޔުނައިޓަޑުން އުފެއްދި ހަމަލާއަކުން ވަނީ ގޯލާ އަމާޒުކޮށް ފޮނުވާލައިފައެވެ، ނަމަވެސް އެ ލަނޑު ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ގޮތުގައެވެ.

މި ހަމަލާގެ ސަބަބުން މެޗްގެ ކުޅުން އިތުރަށް ވަރުގަދަވެ ދެ ޓީމުންވެސް ދައްކަމުންދިޔައީ ވަރަށް ރަނގަޅު ކުޅުމެކެވެ. މެޗްގެ އިތުރު ވަގުތުގެ 93 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ވަނީ ޔުނައިޓަޑްގެ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ޔުނައިޓަޑުން ވަނީ މެޗްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބު ކޮށްދީފައިވަނީ މެކްޓޮމިނޭއެވެ. މެކްޓޮމިނޭ ވަނީ ޕްރެމިއާ ލީގުގެ މި ސީސަނުގައި ކުޅެވުނު 4 މެޗުން ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މީ މެކްޓޮމިނޭ މެންޗެސްޓާ ޔުނައިޓަޑަށް ކާމިޔާބު ކޮށްދިން 19 ވަނަ ލަނޑެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްރެންޓްފޯޑްގެ އުމުރުން 27 އަހަރުގެ ޔޯނެ ވިއްސާއެވެ. ޔުނައިޓަޑުން ދެން ޕްރެމިއާ ލީގުގައި ކުޅުމަށް ހަމަ ޖެހިފައިވަނީ މި މަހު 22 ވަނަ ދުވަހު ޝެފީލްޑް ޔުނައިޓަޑާއި ދެކޮޅަށެވެ. ހަމައެއާއެކު ބްރެންޓްފޯޑުން މި މަހު 21 ގައި އަމިއްލަ ދަނޑުގައި ބާންލީއާއެކު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.