ސްޕެނިޝް ލީގުގައި އިންގްލެންޑްގެ ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑުން ބޮޑު ތަފާތަކުން އޮސަސޫނާ ބަލިކޮށްފިއެވެ.

މިސީޒަންގައި ރެއާލްއަށް ބަދަލުވެ މޮޅަށް ކުޅެ, ލަނޑުޖެހުމުގެ ތޫނިފިލިކަން ދައްކަމުން އަންނަ ބެލިންގްހަމްގެ ދެ ލަނޑާއެކު ރެއާލް މެޑްރިޑުން އޮސަސޫނާ ބަލިކުރީ 4-0 އިންނެވެ.

ބެލިންހަމް ވަނީ އޭނާ ރެއާލަށް ކުޅެދިން ފުރަތަމަ 10 މެޗުން 10 ގޯލު ޖެހުމުގެ އިތުރުން ތިން ގޯލު ޖަހަން އެހީތެރި ވެދީ، ޖުމްލަ 13 ގޯލުގައި ހިއްސާ ވެފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން އަށް ގޯލު ޖެހިއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އިނގިރޭސި މިޑްފީލްޑަރު ވަނީ ލަނޑު ޖަހައިފައެވެ. ހަމަ އެއާ އެކު ލީގުގައި މިހާތަނަށް ދެ ގޯލު އެސިސްޓް ކޮށްދީ، ޗެމްޕިއަންސް ލީގުގައި ވެސް އެސިސްޓެއް ކުރިއެވެ.

ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ބެލިންހަމް ވަނީ ޑެނީ ކާވަހާލް ދިން ބޯޅައެއް ގޯލަށް ފޮނުވާލައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރެއާލްގެ ދެ ވަނަ ގޯލު ޖަހައި ލީޑުފުޅާކޮށްދިނީ ވެސް ބެލިންހަމްއެވެ. މިއީ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ބެލިންހަމް ޖެހި ގޯލެކެވެ. ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ވިނީޝިއުސް ޖޫނިއަރއެވެ. ވިނީޝިއުސްގެ އެހީތެރިކަމާއެކު ފަހު ލަނޑު ޖެހީ މޮޅަށް ކުޅެމުން އަންނަ ހޮސޭލޫއެވެ.

މި ނަތީޖާއާ އެކު ރެއާލް ލީގުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. އެކަކު މަދުކޮށް ކުޅުނު ކާޑީޒް 1-0 އިން ބަލިކުރި ޖިރޯނާ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކުއެވެ.

ވިހި ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ބާސެލޯނާ މިރޭ ރަށުން ބޭރުގައި ގްރަނާޑާއާ ދެކޮޅަށް ނުކުންނާނެއެވެ.