ގަތަރުގެ އަލް ދުހައިލްގެ ކޯޗަކަށް ފްރާންސްގެ ކްރިސްޓޮފާ ގަލްޓިއޭ ހަމަޖައްސައިފިއެވެ.

އުމުރުން 57 އަހަރުގެ ގަލްޓިއޭ އެންމެ ފަހުން ހުރީ ޕީއެސްޖީގެ ކޯޗަކަށެވެ. އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ކޯޗުކަމުގެ މަގާމުން ގަލްޓިއޭ ވަކިކުރުމަށްފަހު، އެ މަގާމަށް ދެން ހަމަޖެއްސީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު، ލުއިސް އެންރީކޭއެވެ. އޭގެ ތިން މަސްދުވަސް ފަހުން އޭނާ ދުހައިލްއާ ހަވާލުވީ، ކުރިން އެ މަގާމުގައި ހުރި އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ހެނާން ކްރެސްޕޯ މަގާމުން ވަކިކުރުމުންނެވެ.

ދުހައިލްއިން އެ ޓީމުގެ ކޯޗުކަމުން ކްރެސްޕޯ ވަކިކުރީވެސް ނަތީޖާތައް ރަނގަޅު ކުރުމަށެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ދުހައިލްއަށް ގަތަރުގެ ސްޓާސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެހެން ނަމަވެސް އޭޝިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އުންމީދު ކުޑަވީ ދާދިފަހުން އީރާނުގެ ޕާސެޕޮލިސް އަތުން ބަލިވުމުންނެވެ.

ގަލްޓިއޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދިޔަސް، އެ ކްލަބުގައި އޭނާ ހޭދަކުރީ އެންމެ ސީޒަނެކެވެ. ހަމައެހެންމެ، ޕީއެސްޖީގެ ކޯޗުގެ މަގާމުގައި ގަލްޓިއޭ ހޭދަކުރި ފަހު ދުވަސްކޮޅުގައި އޭނާގެ ބޮލުގައި ނަސްލީ ތަފާތު ކުރުމުގެ ތުހުމަތުތަކެއް އޮތީ އެޅިފައެވެ. އެއީ ނީސްގެ ކޯޗަކަށް އޭނާ މަސައްކަތްކުރިއިރު، ނަސްލީ ތަފާތުކުރުމުގެ އަމަލުތަކެއް އޭނާ ކުރި ކަމަށް ބުނެ، އޭނައާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކެކެވެ. މި މައްސަލައިގެ ޝަރީއަތް ޑިސެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު