ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ވެނެޒުއޭލާ ފަސޭހަ ކަމާއެކު ޗިލީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗްގައި ވެނެޒުއޭލާއިން ވަނީ ފުރިހަމަ ކުޅުމެއް ދައްކާފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ވެނެޒުއޭލާއިން ވަރުގަދަ ޗިލީ ބަލިކޮށް ތާވަލުގެ 4 ވަނައަށް ޖެހިލުމެވެ. ވެނެޒުއޭލާއަކި ފީފާ ރޭންކިންގައި 53 ވަނައަށް އޮތް ޓީމެވެ. އެގޮތުން ޗިލީއަކީ ފީފާ ރޭންކިންގައި 36 ވަނައަށް އޮތް ޓީމެވެ. މި ދެ ޓީމުގެ ވާދަވެރިކަމަށް ބަލާލާއިރު މި ދެ ޓީމުން ކުޅުނު 8 މެޗުގެ ތެރެއިން ޗިލީއިން ވަނީ 6 ފަހަރު މެޗް ކާމިޔާބުކޮއްފައެވެ. ހަމައެއާއެކު ވެނެޒުއޭލާއިން ވަނީ 2 މެޗް ކާމިޔާބުކޮއްފައެވެ.

ވެނެޒުއޭލާ އަދި ޗިލީގެ ކުޅުންތެރިން/ ގެޓީ އިމޭޖަސް

ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ފަހަތުގައި ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓާލައިގެން ވަނީ ކުޅެފައެވެ، ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައިި ވެނެޒުއޭލާއިން ވަނީ ލަނޑެއް ކާމިޔާބުކޮއްފައެވެ. މި ލަނޑު ކާމިޔާބުކޮއްދީފައިވަނީ ޔެފާސަން ސޮޓެލްޑޯއެވެ. މީ ސޮޓެލްޑޯ ވެނެޒުއޭލާއަށް ކުޅުނު 36 މެޗުން ކާމިޔާބުކޮއްދިން 3 ވަނަ ލަނޑެވެ. ފުތަރަމަ ހާފް ނިމިގެންދިޔައީ 1-0ގެ ނަތީޖާއިން ވެނެޒުއޭލާ ކުރީގައޮވެގެެންނެވެ.

ދެވަނަ ހާފްގައި ޗިލީއިން ބޮޑަށް ޑިފެންސްކޮއްގެން ކުޅެމުންދަނިކޮށް ވެނެޒުއޭލާއިން މެޗްގެ 72 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މި ލަނޑު ޖަހާފައިވަނީ ވެނެޒުއޭލާގެ އުމުރުން 34 އަހަރުގެ ފޯވާރޑް ސަލަމޮން ރޮންޑޮންއެވެ. މީ ރޮންޑޮން ކުޅުނު 95 ވަނަ މެޗުން ކާމިޔާބުކޮށްދިން 38 ވަނަ ލަނޑެވެ. މި ލަނޑާއެކު ވެނެޒުއޭލާގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދިޔައެވެ. މެޗްގެ 79 ވަނަ މިނެޓުގައި ވެނެޒުއޭލާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ދެވަނަ ހާފްގެ 57 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔަކަށް ކުޅުމާ ގުޅުނު ޑާވިން މެޗިސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއީ މެޗިސް ކުޅުނު 39 މެޗުން ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. މެޗް ނިމިގެންދިޔައީ 3-0 ގެ ނަތީޖާއިން ވެނެޒުއޭލާ މޮޅުވެގެންނެވެ.

ދެން ކުރިއަށް ވެނެޒުއޭލާ ކުޅުމަށް ހަމަޖެހިފައިވަނީ އެކުއޭޑޯއާ ދެކޮޅަށް އަންނަ މަހު 17 ވަނަ ދުވަހުގައެވެ.