މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރާ އިނގިރޭސި ދެ ޓީމު ކަމަށްވާ އާސެނަލް އާއި ޗެލްސީ ވެސް ފަސޭހަ ގްރޫޕްތަކެއްގައި ލައްވާލައިފިއެވެ.

އެގޮތުން މި މުބާރާތް 2013 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ޗެލްސީ ލައްވާލާފައިވަނީ ގްރޫޕް އެލްގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ގްރީސްގެ ޕީއޭއޯކޭ ސަލޮނިކާ އާއި ބެލަރޫސްގެ ބާޓޭ ބޮރިސޯވްގެ އިތުރުން ހަންގޭރީ އަށް ނިސްބަތްވާ ވިޑީއެވެ.

މިދިޔަ އަހަރު ވެސް މި މުބާރާތުގައި ވާދަކުރި އާސެނަލް ލައްވާލާފައިވަނީ ގްރޫޕް އީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އާއި އަޒަރްބެއިޖާން އަށް ނިސްބަތްވާ ގަރަބާގްގެ އިތުރުން ޔުކްރޭނަށް ނިސްބަތްވާ ވޯސްކްލާއެވެ.

ފާއިތުވި ހަތް އަހަރުގެ ތެރެއިން ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ޓީމުތައް ކަމަށްވާއިރު، ސްޕެއިން އަށް ނިސްބަތްވާ ސެވިއްޔާ މިފަހަރު ލައްވާލީ ރަޝިޔާގެ ކްރަސްނޮޑާ އާއި ބެލްޖިއަމްގެ ސްޓެންޑާޑް ލީގޭގެ އިތުރުން ތުރުކީގެ އަކިސާރްއާއެކު ގްރޫޕް ޖީގައެވެ.

ސެވިއްޔާ ވަނީ މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އިޓަލީގެ އޭސީ މިލާން ލައްވާލާފައިވަނީ އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ ގްރޫޕް އެފްގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ގްރީސްގެ އޮލިމްޕިއާކޯސް އާއި ސްޕެއިންގެ ރެއާް ބެޓިސްގެ އިތުރުން ލަގްޒެމްބާގަށް ނިސްބަތްވާ ޑުޑްލޭންޖްއެވެ.

ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އަޒަރްބެއިޖާންގެ ވެރިރަށް ބަކޫގައެވެ.