ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއަރ އެއްބަސްވުން އައުކޮށްފިއެވެ.

ބްރެޒިލްގެ ފްލަމިންގޯ އިން 2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ވިނީޝިއަސް ބަދަލުވީ އުމުރުން 18 އަަހަރުގަ އެވެ. މިދިޔަ ދެ ތިން އަހަރަށް ބަލާއިރު އެކުލަބުގެ އެންމެ މުހިންމު ކުޅުންތެރިންގެ ލިސްޓުން އޭނާ ވަނީ ޖާގަ ހޯދާފަ އެވެ.

އައު އެއްބަސްވުމުގައި ވާގޮތުން 23 އަހަރުގެ ފޯވާޑް 2027 ވަނަ އަހަރުގެ ނިޔަލަށް ރެއާލް މެޑްރިޑްގައި ދެމިހުންނާނެއެވެ. ކުރީގެ އެއްބަސްވުން ހަމަވާން އޮތީ އަންނަ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.

އެއްބަސްވުން އައު ކުރުމަށްފަހު ވިނީޝިއުސް ބުނީ ކްލަބްގައި ދެމިހުންނަން ސޮއިކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ރެއާލްއާ އެކު ކުރިއަށް ދިއުމަކީ ހުވަފެނެއް ހަގީގަތަކަށް ވަމުން ދިއުންކަމަށް ބުނެފައިވެއެވެ.

ވިނީޝިއަސް ވަނީ މިހާތަނަށް ރެއާލް މެޑްރިޑަށް ކުޅުނު 235 މެޗުން 63 ގޯލް ވަނީ ޖަހާފަ އެވެ. 2018 އިން ފެށިގެން މިއަދާ ހަމައަށް އޭނާ ވަނީ ރެއާލް އާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ކަޕް، ކޮޕް ޑެލްރޭ، އަދި ޔޫރަޕިއަން ސުޕަ ކަޕާއި، ކްލަބު ވޯލްޑްކަޕް ވެސް ހޯދާފަ އެވެ. އަދި ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރަތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުވެސް އޭނާ އެ ކްލަބާ އެކު ހޯދި އެވެ.

ހޯމަ ދުވަހު ދިން ބެލޮންޑިއޯ އެވޯޑްގައި މޮޅު ކުޅުންތެރިޔާއަށް ވާދަކުރި ލިސްޓްގައި ވިނީޝިއުސް އޮތީ ހަ ވަނާގައެވެ. ދަނޑުން ބޭރުގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ފާހަގަކޮށް ވިނީޝިއުސް ޖޫނިއަރ އަށް ސޮކްރޭޓްސް އެވޯޑް ދިނެވެ. ވިނީޝިއުސް ޖޫނިއަރގެ ފައުންޑޭޝަނުން ދަނީ ބްރެޒިލްގެ ފަގީރު އާއިލާތަކުގެ ކުދިންނަށް ތައުލީމްގެ ފުރުޞަތު ހޯދައިދެމުންނެވެ.