މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އަށް ބާސެލޯނާ އިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެ ކްލަބުގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ޕޮގްބާ ގެންނަން ބާސާ އިން ޝައުގުވެރިވިއިރު އޭނާ ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޮގްބާގެ އެންމެ މޮޅު ކުޅުން ޔުނައިޓެޑްގައި ދެއްކޭގޮތް ނުވެފައިވާއިރު ސްޕެއިންގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ ޕޮގްބާ އަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފެންވަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ޔުނައިޓެޑްގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް ކަމަށެވެ.

"މިހާރު ޕޮގްބާ ވާދަކުރާ ތަށިތަކަށް ވުރެ އިތުރު ތަށިތަކަށް ވެސް ވާދަކުރަން އޭނާ ބޭނުންވާހެން އަހަންނަށް ހީވަނީ. ޕޮގްބާ އަކީ ބާސާ އަށް ނިސްބަތްވާ ކުޅުންތެރިއެއް ނޫން. އެކަމަކު އޭނާ އަށް އަބަދުވެސް ބާސާ އިން މަރުހަބާ ކިޔާނެ" ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް މިހެން ބުނެފައިވާއިރު ދާދިފަހުން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ ޕޮގްބާ ބާސާ އަށް އަތުވެއްޖެނަމަ އެކަމާ އުފާކުރާނެ ކަމަށް ބުނެފައެވެ.

"ޕޮގްބާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. ހާއްސަކޮށް އެންމެ މޮޅު އެއް މިޑްފީލްޑަރު. އޭނާއާ ކްލަބާ ދެމެދު އޮތް މައްސަލައެއް ނޭނގެ. އެކަމަކު އޭނާ ބާސާއަށް އައުން ވެގެންދާނީ ވަރަށް ބޮޑު އުފާވެރި ކަމަކަށް. ކޮންމެވެސް ދުވަހަކުން އެކަން ވާނެ ކަމަށް އުންމީދުވެސް ކުރަން،" ޕީކޭ ބުންޏެވެ.

ޕޮގްބާ އަށް މަރުހަބާ ކިޔާނެ ކަމަށް ސުއަރޭޒް ބުނެފައިވާއިރު، ޕޮގްބާ ގެންނަން ބާސާ އިން 2015 ވަނަ އަހަރު މަސައްކަތް ކުރިއެވެ. ނަމަވެސް ބާސާ އިން ހުށަހެޅި ހުށަހެޅުން ޕޮގްބާ އޭރު ކުޅެމުން އައި ޔުވެންޓަސް އިން ބަލައިގެންފައެއް ނުވެއެވެ.

ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.

އުމުރުން 25 އަހަރުގެ ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރުއެވެ.