ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން ބަލިކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެއިން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ އިރު، ދެވަނަ ބުރުގައި ރާއްޖެ ވާދަކުރަނީ ބޯލް ގްރޫޕިންގައެވެ. މުބާރާތުގެ ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލައި، ތިން ކެޓަގަރީއަށް ޓީމުތައް ރޭންކް ކޮށްފައިވާ އިރު، ދެވަނަ ބުރުގައި ރާއްޖެ ހިމެނޭ ބޯލް ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޗައިނީސް ޓައިޕޭ، ޕާކިސްތާން އަދި ފިލިޕީންސެވެ.

މިއަދުގެ މެޗުގައި ޕާކިސްތާނާއި ވާދަކޮށް، ރާއްޖެއިން ކާމިޔާބުކުރީ 60-34 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ލީޑުގައި އޮތީ ރާއްޖެއެވެ. އެގޮތުން ފުރަތަމަ ކުއާޓާ ރާއްޖެއިން ނިންމާލީ 14-10 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނަ ކުއާޓާ ރާއްޖެއިން ނިންމާލީ 18-8 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ތިންވަނަ ކުއާޓާ 11-13 ޕޮއިންޓުގެ ބޮޑު ލީޑެއްގައި އޮވެ ރާއްޖެއިން ނިންމާލި އިރު، ފަހު ކުއާޓާގައިވެސް ރާއްޖެއިން ވަނީ ލީޑު ދަމަހައްޓައިފައެވެ. އެ ކުއާޓާ ނިންމާލީ 5-15 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބުކުރީ ޗައިނީސް ޓައިޕޭއާ ބައްދަލުކޮށް 73-10 ޕޮއިންޓުންނެވެ.

ސިންގަޕޫރުގައި މި މަހު އެކަކުން ނުވަޔަކަށް ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ގައުމަކުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަމީހާ

    "ތިންވަނަ ކުއާޓާ 11-13 ޕޮއިންޓުގެ ބޮޑު ލީޑެއްގައި އޮވެ ރާއްޖެއިން ނިންމާލި އިރު،....." މިހެން ލިޔެފައި އޮތްއިރު، މިއީ ހާދަ ބޮޑު ލީޑެކޭދޯ؟ ހިސާބު އަދަދުތަކުގެ ބޮޑުކުޑަމިނާއި، ދޭދޭ އަދަދުތަކުގެ ތަފާތު އެނގޭބާ؟