ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަބުރުގައި ކުޅުނު މެޗުން އެންމެފަހުގެ ޗެމްޕިއަން މަސްއޮޑި ޓައިޓަންސް ކަޓުވާލާ ކުލަބް އޯވަންއޯ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓާފައިނަލުގައި ކުލަބް އޯވަންއޯ ބައްދަލުކުރަން ޖެހޭނީ އެފްސީ ލެވެލް އާއެވެ. އެފްސީ ލެވެލް ކުއާޓާފައިނަލަށް ދިޔައީ މުބާރާތުގެ ދެވަނަބުރުގައި އައްޔާނީ ފަސޭހަކަމާއި އެކު 7-0 އިން ބަލިކޮށްގެންނެވެ.

ކުލަބް އޯވަންއޯ ކުއާޓާފައިނަލަށް ދިޔައީ މެޗުގެ ދެވަނަ ހާފުގައި އިސްމާއީލް މުނީޒް ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު 1-0 ގެ ނަތީޖާއަކުންނެވެ.

ތަށި ދިފާއުކުރަން ޒުވާން ވަރުގަދަ ޓީމަކާއެކު މުބާރާތާއި ކުރިމަތިލި މަސްއޮޑި ޓައިޓަންސް އަދި އޯވަންއޯ ކުޅުނު މި މެޗު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުގައި ވެސް ހުނަރުވެރި މޮޅު އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ.

ކުލަބް އޯވަންއޯ އާއި މަސްއޮޑި ޓައިޓަންސް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް؛ އިބްރާހިމް ޝާބިލް

އަނެއްކޮޅުން މުބާރާތުގައި އެންމެ ފޯމުގައި އޮތް ޓީމުތަކުގެ ތެރޭގައި ހިމެނޭ އެފްސީ ލެވެލް ކުއާޓާފައިނަލުން ޖާގަ ހޯދި މެޗުގައި އެ ޓީމުގެ ތަރި އަލީ ހާފިޒް (ހާއްޕެ) ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

އެއާއި އެކު މި މުބާރާތުގައި އޭނާ ޖެހި ލަނޑުތަކުގެ އަދަދު 17 އަށް ވަނީ އަރާފައެވެ. އަދި ހާއްޕެ މިވަގުތު އޮތީ މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި ބޮޑު ލީޑަކާއެކު އެވެ. ދެން އެ ޓީމުގެ ލަނޑުތައް ޖަހާދީފައިވަނީ ދެ ލަނޑު ޖެހި އިސްމާއީލް އީސާ އާއި އިބްރާހީމް ޝަނޫން އެވެ.

އެފްސީ ލެވެލް އާއި އައްޔާނީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

އެފްސީ ލެވެލް އާއި އައްޔާނީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

ގަދަ 16 ގެ މެޗުތައް 4 ފެބްރުއަރީގައި ކުޅުމަށްފަހު ކުއާޓާފައިނަލުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 5 ގައެވެ. އަދި ސެމީފައިނަލް 6 ފެބްރުއަރީގައި ކުޅޭއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގައެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.

ކުއާޓާފައިނަލުގައި އެފްސީ ލެވެލް އާއި ކުލަބް އޯވަންއޯ ބައްދަލުކުރާ ކުއާޓާފައިނަލުގެ މެޗު ކުޅޭނީ މާދަމާ ރޭގަނޑުއެވެ.