ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް އަމާޒުކޮށް ޑުރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށް ލުބުނާންގެ ދެކުނުގެ ސަރަހައްދުތައް ކޮންޓުރޯލް ކުރަމުން އަންނަ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ ޖަމާއަތުން ބުނެފައިވާ ގޮތުގައި އެ ޖަމާއަތުން ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި ލުބުނާންގެ ސަރަހައްދީ އިން ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ މެޓުލާ އަށް ޑުރޯން ހަމަލާއެއް ދީފައިވާނެ ކަމަށް ބުނެފައެވެ.

މި ހަމަލާ އަމާޒުކޮށްފައިވާނީ ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ވެހިކަލަކަށް ކަމަށާއި މި ހަމަލާގައި ޔަހޫދީ އަސްކަރިއްޔާގެ އެ ވެހިކަލް ގޮށްވާލާފައިވާނެ ކަމަށް ހިޒްބުﷲ ޖަމާއަތުން މީސް މީޑިއާގެ ޕުލެޓްފޯމެއް ކަމަށްވަ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ މި ހަމަލާގައި ޔަހޫދީ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށާއި އަދި އިތުރު ސިފައިން ތަކެއް ޒަހަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން އަދި މި ހަމަލާއާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިނުވެއެވެ.

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް މިދިޔަ އަހަރުގެ އޮއްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުން އަންނަނީ ޔަހޫދީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ވަރަށް ފަހުން ލުބުނާނުގެ ދެކުނުގައިވާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި ހިޒްބުﷲ ޖަމާއަތުން މިހާރު ދަނީ ރައްދު ހަމަލާތައް ޔަހޫދީ އިސްރާއީލަށް ދެމުންނެވެ.