ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކުލަބް އީގަލްސް އިން ހޯދައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 17 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ގައުމީ ބިލިއާޑް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިއަށްދިޔަ ގައުމީ މުބާރާތުގެ ޓީމް އިވެންޓްގައި ހަ ޓީމަކުން ވާދަކޮށްފައިވެއެވެ. އެއީ، އީގަލްސް، ދިވެހި ސިފައިންގެ ކްލަބާއި، ފޯކައިދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބު އަދު ޓެންޓް ސްޕޯޓްސް ކްލަބެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްބީޕީއޭ) އިން ހިންގާ މުބާރާތްތަކުގެ ތެރެއިން މި އަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ، ގައުމީ މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން އީގަލްސް ހޯދީ ފައިނަލްގައި 3-2 އިން ފޯކައިދޫ ބަލިކޮށްގެންނެވެ. މުބާރާތުގެ ރަނަރަޕް މަގާމަށް ފޯކައިދޫ ހޮވުނުއިރު، ތިންވަނަ އަށް ދިޔައީ ސިފައިންނެވެ.

މި މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު އެއްވަނަ ހޯދީ ސިފައިންނެވެ. ދެވަނަ އަށް ދިޔައީ އީގަލްސް އެވެ. އަދި ތިންވަނަ އަށް ހޮވުނީ ފޯކައިދޫ އެވެ. ޓީމް އިވެންޓްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސިފައިން ބަލިކޮށް އީގަލްސް އިން ފައިނަލުން ޖާގަ ހޯދިއިރު، ދެވަނަ ސެމީގައި ފޯކައިދޫން ވަނީ ބީޖީ ބަލިކޮށްފައެވެ. އެއަށްފަހު އެ ޓީމުން ވަނީ ސެމީގެ ފަހު މެޗުގައި ސިފައިން ބަލިކޮށްފައެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު ޝާޒް (ވ) ތަށްޓާއެކު. --ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މި ފަހަރުގެ ގައުމީ މުބާރާތުގެ އިތުރު އިވެންޓްތަކުގެ ނަތީޖާ އަށް ބަލާއިރު، އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހަސަން ޝާޒް އެވެ. މި އިވެންޓްގެ ދެވަނަ އަށް މުޙައްމަދު ޝަރީފް (ކުޑަ ޝަރީ) ހޮވުނުއިރު، ތިންވަނަ އަށް ދިޔައީ އިސްމާއިލް ޖީހާން އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދު އެވެ. ދެވަނަ އަށް އާމިނަތު ހަލީމް (ދިލް) ހޮވުނުއިރު، ތިންވަނަ މަގާމަށް ހޮވުނީ އާމިނަތު ފަތީ އެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އިސްމާއިލް ސުވެއިދު އާއި އަބްދުﷲ އަފީފްގެ ޕެއާ ހޮވުނުއިރު، ދެވަނަ އަށް ދިޔައީ އަހުމަދު ނަފީލް އާއި މުޙައްމަދު ސާހިލްގެ ޕެއާ އެވެ. ތިންވަނަ މަގާމް ހޯދީ އައްބާސް ސައީދު އާއި އިސްމާއިލް ޖީހާންގެ ޕެއާ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަނުންނަކ ފަތީ އާއި އައިޝަތު ޔަޝްފާގެ ޕެއާ އެވެ. ދެވަނަ މަގާމަށް ދިލް އާއި ފަޒްނާ މޫސާގެ ޕެއާ ހޮވުނުއިރު، ތިންވަނަ އަށް ދިޔައީ އައިޝަތު އަލީ އާއި އައިޝަތު ހިންދު ހުސައިންގެ ޕެއާ އެވެ.

މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒް އާއި ދީނާ އަހުމަދުގެ ޕެއާ އެވެ. ދެވަނަ އަށް ދިޔައީ ކުޑަ ޝަރީ އާއި ފަގީހާ އިބްރާހިމްގެ ޕެއާ އެވެ. ތިންވަނަ މަގާމަށް ހޮވުނީ މުޙައްމަދު ސާހިލް އާއި ފަޒްނާ އަހުމަދުގެ ޕެއާ އެވެ.

ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނަފީލް ހޯދިއިރު، ދެވަނަ މަގާމަށް ހޮވުނީ މުޙައްމަދު ސަމީރު އެވެ. އަދި ތިންވަނަ އަށް ހޮވުނީ ސޮއްފާން ޝާކިރު އެވެ.

ކިޔުންތެރިންގެ ހިޔާލު