ނުހައްގުން ދިން އަދަބުގެ ސަބަބުން ފުޓުބޯޅައިގެ އާއިލާގެ މެދުގައި އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ޔޫއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ވިދާޅުވެއްޖެއެވެ.
ޕްލެޓިނީ ވިދާޅުވީ އޭނާ އަށް ލިބިވަޑައިގެންނެވި އަދަބުގެ ސަބަބުން ވަރަށް ގިނަބައެއްގެ މެދުގައި އަގު ވެއްޓިފައިވާ ކަމަށާއި އެ އިތުބާރު ދަމަހައްޓަން އަލުން ފުޓުބޯޅައިގައި މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.
ފުޓުބޯޅައިގައި މަސައްކަތްކުރުމަކީ އޭނާ އަބަދުވެސް ކުރާނެ ކަމެއް ކަމަށާއި، ނަމަވެސް ވިސްނުން ހުރީ ކުލަބަކަށް ވުރެ މަތީ މަގާމެއްގައި މަސައްކަތް ކުރުން ކަމަށް ވެސް ޕްލެޓިނީ ވިދާޅުވިއެވެ.
ޕްލެޓިނީ ވިދާޅުވީ ގައުމެއްގެ ފުޓުބޯޅަ އެސޯސިއޭޝަންގައި ނުވަތަ ޔޫއެފާ، ނޫނީ ފިފްޕްރޯގައި ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މަސައްކަތް ކުރެވިއްޖެ ނަމަ، ރަނގަޅު ނަތީޖާތަކެއް ހާސިލް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެގޮތުން މި ވަގުތަށް ބަލާއިރު އޭނާ މަގާމަކަށް ހަވާލުވުމަށް ފީފާއިން ހުރަސްތަކެއް އަޅާނެ ކަމަށާއި، ނަމަވެސް ދުވަސްތައް ކުރިއަށްދާ ވަރަކަށް ކަންތައްތައް ބަދަލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން 2011 ވަނަ އަހަރު ކޮރަޕްޝަންގެ ގޮތުގައި ދެ މިލިއަން ޑޮލަރުގެ މުއާމަލާތެއް އެއްބަސްވުމެއްގެ ބޭރުން ހިންގާފައިވާ ކަމަށް ބުނެ، ޕްލެޓިނީ މީގެކުރިން ވަނީ އަށް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
އަދި އެ މައްސަލަ އެޕީލްކޮށް ލިބުނު ލުޔާ އެކު، އޭނާ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ސަސްޕެންޝަން ފުރިހަމަކޮށްފައެވެ.