ވިނިޝަސް ޖޫނިއާ ވިދާލި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްްޕެއިންގެ ރެއާލް މެޑްރިޑުން އިނގިރޭސި ކުލަބް ލިވަޕޫލް އަތްދަށުކޮށްފިއެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު ލިވަޕޫލްގެ ފަހަތުން ގިނަ ގޯސްތަކެއް ހެދިތަން މި މެޗުގައި ފެނިގެންދިޔަ އެވެ.

މި މެޗާއި ރެއާލުން ކުރިމަތިލިއިރު އެ ޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އަދި ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް އަނިޔާވުމާއެކު މި މެޗުން އޭނާ ނުފެނެއެވެ. އަދި މެޗު ގާތްވެފައިވަނިކޮށް ކޮވިޑަށް ފައްސިވުމާއެކު ވަރާން އަށްވެސް މި މެޗުން ފުރުސަތު ނުލިބެއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލްއެވެ. މިޑްފީލްޑަރ ޓޯނީ ކްރޫސް ތަނަވަސްކުރި ހިތްގައިމު ފުރުސަތަކުން މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ އުއްމީދީ ކުޅުންތެރިޔާ ވިނިޝަސް ޖޫނިއާ އެވެ. ރެއާލްގެ ފަހަތުން މަތިމަތިން ލިވަޕޫލްގެ ހާފުގެ ތެރެއަށް އޮއްސާލި ބޯޅަ ހޯދައިގެން ވިނިޝަސް މި ގޯލު ޖެހީ ލިވަޕޫލްގެ ޑިފެންޑަރުންނަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ރެއާލަށް ސުން ކަނޑުވާލަދިން ލަނޑު ޖެހުމަށްފަހު ސަލާހް

ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ކާމިިޔާބުކޮށްފައިވަނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ލިވަޕޫލުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހެދި ގޯހެއްގެ ފައިދާ ނަގައިން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯ އެވެ.

ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ލިވަޕޫލް ވަނީ ސުން ކަނޑުވާލާފައެވެ. ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްފައިވަނީ މުހައްމަދު ސަލާހް އެވެ. ނަމަވެސް ލިވަޕޫލަށް މާ ގިނައިރަކު ރެއާލް ހިފެހެއްޓޭޭގޮތެއް ނުވިއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ވިނިޝަސް ވަނީ ރެއާލްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައެވެ.