ޕްރިމިއާ ލީގު ކްލަބު ބްރެންޓްފޯޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޯދަން ޓޮޓެންހަމް އިން ޝައުގުވެރިވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޑެންމާކްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ އެރިކްސަން ބްރެންޓްފޯޑާ އެކުގައި ހަދާފައިވާ އެއްބަސްވުން މި މަހުގެ 30 އަށް ހަމަވާނެއެވެ. އެއާއެކު، ހިލޭ ޓްރާންސްފާއެއްގެ ދަށުން އެރިކްސަން ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އެރިކްސަން މިދިޔަ ސީޒަންގެ މެދަކާ ހިސާބުން ބްރެންޓްފޯޑަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ގިނަ މެޗުތަކުން ބްރެންޓްފޯޑް މޮޅުވުމުގައި އެރިކްސަންގެ ހިއްސާ ބޮޑެވެ.

އެހެންވެ، އޭނާ ބެހެއްޓުމަށް ބްރެންޓްފޯޑުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެއެވެ. އެރިކްސަން އަށް ޓޮޓެންހަމްގެ އިތުރުން މެންޗެސްޓަ ޔުނައިޓެޑުން ވެސް ޝައުގުވެރިވެއެވެ.

އެރިކްސަން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައެވެ. އޭނާ ދަނޑުމައްޗަށް ވެއްޓުމުން ގިނައިރުތަކެއް ވަންދެން ދަނޑުމަތީގައި ފަރުވާދިނެވެ. އަދި ފަހުން ހޮސްޕިޓަލަށް ގެންދިޔައެވެ.

މިހާރު އެރިކްސަން ހުރީ އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ހިތަށް ލައްވައިގެންނެވެ. މިއީ ހިތުގެ ވިންދު އެއްވަރަކަށް ހިފަހައްޓަން އެހީވެދޭ ވަސީލަތެކެވެ.

އައިސީޑީ ލެއްވުމާއެކު އޭނާ އޭރު ކޮންޓްރެކްޓް އޮތް އިންޓަ މިލާނުން އޭނާ ދޫކޮށްލަން މަޖުބޫރުވިއެވެ. އެއީ އެ ލައްވައިގެން ކުޅުމަކީ އެ ގައުމުގައި މަނާ ކަމަކަށް ވާތީއެވެ. އެހެންވެ، އޭނާ އެނބުރި އައިސްފައި ވަނީ ބްރެންޓްފޯޑަށެވެ.

ޕްރިމިއާ ލީގު ދޫކޮށްލާފައި އެރިކްސަން ދާނެ ކަމަކަށް ނުބެލެވެއެވެ. އެއީ އޭނާގެ އާއިލާގެ މެމްބަރުން ވެސް އިނގިރޭސި ވިލާތަށް ބަދަލުވެފައިވާތީއެވެ.