އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އިރާން ބޭރު ކުރަން ޔޫކްރެއިންގެ ފުޓްބޯޅަ އިދާރާ އިން ފީފާގައި އެދިއްޖެއެވެ.

މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާ އިން ޔޫކްރެއިނަށް އަރާ ކުރަމުން އަންނަ ހަނގުރާމައަށް އެހީތެރިވާ އެއް ގައުމުގެ ގޮތުގައި ބެލެވިފައި އޮތީ އިރާންއެވެ. އިރާނުން ރަޝިއާ އަށް ހަތިޔާރު ސަޕްލައި ކުރުމުގައި އެހީތެރިވަމުން އަންނަ ކަމުގެ ވާހަކަތައް އޮތީ ދެކެވިފައެވެ.

ޔޫކްރެއިންގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އިރާނުން ރަޝިއާ އަށް ހަތިޔާރު ސަޕްލައި ކުރާ ކަމަށް މީޑިއާގައި ހަބަރު ފެތުރެމުންދާ އިރު، މިއީ ފީފާގެ ޗާޓަރާ ހިލާފު ކަމެއް ކަމަށެވެ.

އެހެންވެ، ނޮވެމްބަރު މަހު އޮންނަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ނުދިނުމަށް ވެސް ޔޫކްރެއިންގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނުގައިވެއެވެ.

ޔޫކްރެއިނުން މިގޮތަށް ހުށަހެޅި އިރު، ޝަކްތަރު ޑޮނެސްކްގެ ސީއީއޯ ސާޖީ ޕަލްކިން ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އިރާން ބޭރު ކުރުމަށް ފަހު، އެ ޖާގަ ޔޫކްރެއިނަށް ދިނުމަށް ގޮވާލައްވައިފައެވެ.

ހަނގުރާމައިގައި ރަޝިއާގެ އަސްކަރިއްޔާގެ ސިފައިން ހަމަލާ ދިނުމަށް ބޭނުން ކުރާ އެއް ހަތިޔާރަކީ ޑްރޯނެވެ. "ކަމިކާޒީ" ނަމުން ނަން ދީފައިވާ މި ޑްރޯންތައް ފޯރުކޮށްދީފައި ވަނީ އިރާނުންނެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު އެފަދަ ހަތް ޑްރޯނެއް ވަނީ ވައްޓާލައިފައެވެ. އެމެރިކާ އިން ބުނެފައިވާ ގޮތުގައި އިރާނުން ވަނީ އަސްކަރިއްޔާގެ ތަޖުރިބާކާރުން ރަޝިއާގެ ކްރިމިއާ ސަރަހައްދަށް ފޮނުވައިފައެވެ.

"އިރާންގެ ލީޑަޝިޕްގެ ބޭފުޅުން އެމީހުންގެ ގައުމީ ޓީމު ވޯލްޑް ކަޕްގައި ކުޅޭ ތަން ބަލާނީ އުފަލާ އެކުގައި. ޔޫކްރެއިން ރައްޔިތުން މަރު ވާނީ އިރާންގެ ޑްރޯންތަކާއި އިރާންގެ މިސައިލްތަކުން،" ޕަލްކިން ވިދާޅުވިއެވެ.

"މިހާތަނަށް އައިއިރު 250 ޑްރޯން ހަމަލާ ހަމަހިމޭންކޮށް އޮންނަ ޔޫކްރެއިންގެ ސިޓީތަކަށް ދީފި. މިއިން ކޮންމެ އެއްޗެއް ދީފައި ވަނީ އީރާންގެ އިދާރާތަކުން،"

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިރާން ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އިންގްލެންޑާއި ވޭލްސް އަދި އެމެރިކާއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އިރާން ނުކުންނާނީ އަންނަ ނޮވެމްބަރު މަހުގެ 21 ގައި އިންގްލެންޑާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ އެމެރިކާއާއި އިގިރޭސިވިލާތަށް ކުޅެވޭނެ ވޯލްޑްކަޕެއް ނޯންނާނެ. އިންސާފުން ކަންކުރަންޏާ ހަމައެކަނި އިރާން ފަހަތުން ދުވެގެން ވާކަށް ނެތް

    43
  2. ޙާމަނާއީ

    ތިހެން ހަދާފިއްޔާ ޔުކްރެއިނަށް ރޮކެޓް ޙަމަލާއެއް ދޭނަން.

    29
    1
  3. ޚާމަނާއީ

    208 ވޯލްޑު ކަޕް ބޭއްވީ ރަޝިޔާގަ، ރަޝިޔާ ދިޔައީ ސީރިއާ ހަނގުރާމައިގައި ބައްޝާރަށް އެހީވަމުން ، މި މަންޒަރު ޔޫކުރެއިން އަށް ނުފެންނަކަމަށް ހަދައިގެންތިބީ….

    27
    • ޚަލީލު

      208 ވަނަ އަހަރު ވޯލްޑްކަޕް ކުޅުނުތަ؟ ކަލެއަށް އެ މަޢުލޫމާތު ދިނީ ކާކު؟

  4. މަބޭ

    ތިޔަހހެންތިކަން ނިންމައިފިނަމަ އިޒްރާއިލް އައް ޔޫރޯގަވެސް ކުޅެވިގެންނުވާނެ

    16
  5. ޑެނީ

    ފަލަސްތީނުގެ ރައްޔިތުންނަށް އެދޭ އަނިޔާ ނުފެންނަ ބަޔަކު ކޮން އިރާން އެކޭ ކިޔާކަށް އިރާގު ހަނގުރާމަ ކުރި އިރު ވެސް ތި ޔުކްރެއިން އެއްޗެކޭ ކިތަ

    17
  6. ކާނިވާއިން

    އެމެރިކާ އާ ޔޫރަޕް އެންމެފުރަމަތަ ބޭރުކުރަންެހޭނީ

    18
  7. ރަދީފްއޮފިޝިއަލް

    މުބާރާތުގަ ބައިވެރިވާންވީ އެމެރިކާ ، އިނގިރޭސިވިލާތް ، އިޒްރޭލް އަދި ޔުކްރެއިން އެކަނި.ފައިނަލްގަ އެމެރިކާ އަދި ޔުކްރެއިން ކުޅެފަ ޔުކްރެއިނަށް ތަށި ދިނީމަ ޔުކްރެއިން އުފާވާނެ.މިއީ ޔުކްރެއިން ބޭނުންވާ ގޮތް.ލަދު ކޮބާ؟؟ އިރާން ބޭރެއް ނުކުރެވޭނެދެން.ކަލޭމެން ދޭ ބަލަ ޖޯކަރު ހުއްޓުވަން.ވ.ވެދުން