އާސެނަލް އަށް ކުޅެމުން އަންނަ ޑިފެންޑަރު ވިލިއަމް ސަލީބާ އަށް އެ ކުލަބުން އާ ކޮންޓްރެކްޓެއް ހުށަހަޅައިފިއެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އިން ސަލީބާ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައި މިވަނީ މި ސީޒަންގައި ސަލީބާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ.

އާސެނަލް އިން ސަލީބާގެ ސޮއި ހޯދީ 2019 ވަނަ އަހަރު ސެއިންޓް އެޓިއެން އަށް 27 މިލިއަން ޕައުންޑް ދީފައެވެ. އެކަމަކު، ސަލީބާ ވަނީ ވޭތުވެދިޔަ ތިން އަހަރު ފްރާންސް ލީގުގެ އެކި ޓީމުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ސެއިންޓް އެޓިއެން އާއި ނީސް އަދި މާސޭ ހިމެނެއެވެ.

މިދިޔަ ސީޒަންގައި ސަލީބާ ވަނީ ފްރާންސް ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަކަށް ހޮވިފައެވެ.

ލީގުގައި އާސެނަލް 31 ޕޮއިންޓާއެކުގައި އެއްވަނައިގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ ސަލީބާ 21، ގެ މޮޅު ކުޅުމެވެ. އޭނާ އަންނަނީ އާސެނަލްގެ ފުރަތަމަ އެގާރަ އިން ގަވައިދުން ފުރުސަތު ހޯދަމުންނެވެ.

މި ސީޒަންގައި 14 ފަހަރު ސަލީބާ، އާސެނަލް އަށް ކުޅެ ދިން އިރުގައި އޭނާ ވަނީ ޕްރިމިއާ ލީގުގައި ދެ ގޯލް ޖަހައިފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައި އޭނާ ވަނީ އެ ޓީމަށް ހަތް މެޗު ކުޅެދީފައެވެ.

މި ސީޒަންގައި އާސެނަލް ކުޅުނު 17 މެޗުގެ ތެރެއިން އަށް ކްލީން ޝީޓް ނަގާފައިވާ އިރު، އާސެނަލް ކޮޅަށް ވަދެފައި ވަނީ އެންމެ 14 ގޯލެވެ. ސަލީބާ އާސެނަލްއާ އެކުގައި ހަދާފައިވާ އެއްބަސްވުން 2023 ގެ ނިޔަލަށް ހަމަވާ އިރު، އިތުރު 12 މަހަށް އެއްބަސްވުން ދަންމާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އާސެނަލް އަށް ކުރިއަށް އޮތީ ޔޫރަޕާ ލީގުގައި އެފްސީ ޒިއުރިކްއާ ދެކޮޅަށް ބައްދަލު ކުރާ މެޗެވެ. އޭގެ ފަހުން އަންނަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް އާސެނަލް ނުކުންނާނެއެވެ.