ދުނިޔޭގެ ކްރިކެޓަށް ލޯބިކުރާ ގިނަ ބަޔަކު އިންތިޒާރުކުރަމުންއައި އޭޝިއާ ކަޕްގައި ވާދަވެރި އިންޑިއާ އާއި ޕާކިސްތާން އިއްޔެ ބައްދަލުކުރި މެޗު، ވިއްސާރައިގެ ސަބަބުން ފުރިހަމަނުކުރެވި ނަތީޖާ ނުނެރެވި ނިންމާލަން ޖެހިއްޖެއެވެ.

މި މެޗު ކުރިއަށްނުގެންދެވުމުން، ކޮންމެ ޓީމަކަށް ލިބުނީ ޕޮއިންޓެކެވެ.

މި ނަތީޖާއާއެކު ޕާކިސްތާން ވަނީ މުބާރާތުގެ ސުޕަ ފޯ އިން ޖާގަ ހޯދާފައެވެ. ޕާކިސްތާން ވަނީ ގްރޫޕް އޭ ގައި ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. އިންޑިއާ އަށް ބާކީ އެއް މެޗު އޮތްއިރު، މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފުލުގައި އޮތް ނޭޕާލަށް ޕޮއިންޓެއް ނުލިބެއެވެ. ސުޕަ ފޯ ނުވަތަ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އޭޝިއާ ކަޕްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ކުޅެން އަރާށެވެ. ކެންޑީގެ ޕަލެކެލޭގައި ހުންނަ ޕަލެކެލޭ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އިއްޔެ މެންދުރު ކުޅުނު މި މެޗުގެ ފުރަތަމަ އިނިންގްސްގައި އިންޑިއާ އިން ކުޅެން އަރައި 48.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 266 ލަނޑަށެވެ.

ފޮޓޯ: ގެޓީ އިމޭޖަސް

މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ އިޝާން ކިޝަން އާއި ހާޑިކް ޕާންޑްޔާ އެވެ. އިޝާން ވަނީ 81 ބޯޅައިން 82 ލަނޑު ހަދައިފައެވެ. ޕާންޑްޔާ ނުބައިވީ 87 ލަނޑަށެވެ. އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ 11 ލަނޑަށް ނުބައިވިއިރު، ވިރާތު ކޯލީ އަށް ހެދުނީ އެންމެ ހަތަރު ލަނޑެވެ.

ޕާކިސްތާނުން ފުރަތަމަ އިނިންގްސްގައި އެންމެ ރަނގަޅަށް އުކީ ކެޕްޓަން، ޝާހީން ޝާހް އަފްރީދީ އެވެ. އޭނާ ވަނީ 10 އޯވަރުގެ ތެރޭގައި 35 ލަނޑަށް ހަތަރު ވިކެޓް ނަގައިފައެވެ. އޭގެތެރޭގައި ދެ މެއިޑަން ވެސް ހިމެނެއެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް އުކި ނަސީމް ޝާހާއި، ހާރިސް ރައުފް ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.

ދެވަނަ އިނިންގްސްގައި ޕާކިސްތާންގެ ކުޅުން ކުރިއަށްގެންދެވޭ ގޮތްނުވީ މެދުކެނޑުމެއްނެތި ވެހެމުންދިޔަ ވާރޭ ނުހުއްޓުމުގެ ސަބަބުންނެވެ. މިއާއެކު، ކަނޑައެޅިފައިވާ ގަޑިއަށް ވިއްސާރަ ނުހުއްޓުމުން މެޗުން ނަތީޖާއެއް ނުނެރެވި، ކުޅުން ކުރިއަށްނުގެންދެވުނު މެޗެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ގްރޫޕް ބީ ގައި ހިމެނޭ އަފްޣާނިސްތާން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މެންދުރު 2:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު