ޔުވެންޓަސްގެ މިޑްފީލްޑަރު، ނިކޯލޯ ފަޖިއޯލީ ގަވާއިދާ ހިލާފަށް ބެޓިންގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ ކަމަށް އިޓަލީގ ޕްރޮސެކިއުޓަރަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ލާ ސްޓަމްޕާ ޑެއިލީ އިން ބުނީ، އުމުރުން 22 އަހަރުގެ މިޑްފީލްޑަރުގެ މައްޗަށް ކުރަނީ ގަވާއިދާ ހިލާފަށް އޮންލައިން ބެޓިން ޕްލެޓްފޯމްތައް ބޭނުންކުރަމުންދާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޖިނާއީ ތަހުގީގެއް ދަށުން އެކަމުގައި ބައިވެރިވެފައިވާ އެހެން ފަރާތްތަކެއް ހިމެނޭގޮތަށް ބަލަމުންދާ މައްސަލައެއްގައި ކަމަށެވެ.

"ތަހުގީގެއް ކުރިއަށްގެންދާ ކަން އަހަރެން ކަށަވަރުކޮށްދެން،" އީމެއިލް މެދުވެރިކޮށް ޓިއުރިންގެ ޗީފް ޕްރޮސެކިއުޓަރު، އެންރިކާ ގަބޭޓާ ނެރުނު ބަޔާނެއްގައިވެއެވެ.

ފަޖިއޯލީގެ ވަކީލުންގެ ޓީމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ، ވަރަށް ޒިންމާދާރު ކަމާާއެކު އެ މައްސަލައާ ގުޅިގެން މަޝްވަރާތައް ކުރިއަށްގެންދާ ކަމަށާއި، ދެފުށް ފެންނަ ގޮތަށް އެކަމުގެ ތަހުގީގަށް ޝަރުޢީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

އަދި ފަޖިއޯލީ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި، އޭނާގެ ހުރިހާ ފޯކަސްއެއް އޮތީ ޔުވެންޓަސް އަށް ކަމަށް ވެސް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

މިހާތަނަށް އައިއިރު މި މައްސަލައާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްފައިނުވާއިރު، ފަޖިއޯލީގެ މައްޗަށް ކުރެވެނީ ކޮން ކަހަލަ ބެޓިންއެއްގައި ބައިވެރިވެގެން ކަމެއް ވެސް ސާފުވާގޮތެއް ނުވެއެވެ.

ފަޖިިއޯލީ ވަނީ މިހާތަނަށް މި ސީޒަނުގައި ލީގުގައި ޔުވެންޓަސް ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުގައި ކުޅެފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި އިޓަލީގެ ގައުމީ ޓީމަށް ވަނީ ފުރަތަމަ މެޗު ކުޅެފައެވެ.

އިޓަލީގެ ފުޓްބޯޅައިގެ ކަމާބެހޭ ފަރާތްތަކުން، ކުޅުންތެރިންގެ މައްޗަށް ފުޓްބޯޅަ މެޗުތަކުގައި ބެޓްކުރުން މަނާކުރިނަމަވެސް، އެހެން ވައްތަރުގެ ބެޓިން ކުރުމަކަށް ހުރަހެއްނެތެވެ.

އެކަމަކު، ފުޓްބޯޅަ މެޗުތަކުގައި ބެޓްކުރިކަން ސާބިތުވާ ކުޅުންތެރިއަކަށް އަދަބެއްގެ ގޮތުން މަދުވެގެން ތިން އަހަރު ދުވަހުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. އަދި އޭގެއިތުރުން، ޖޫރިމަނާގެ ގޮތުގައި، މަދުވެގެން 25،000 ޔޫރޯ (26،520 އެމެރިކާ ޑޮލަރު) ދައްކަން ޖެހޭނެ ކަމަށް އެފްއައިޖީސީގެ ސުލޫކީ މިންގަނޑުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު